ވިޔަފާރި

ސްރީލަންކަން އެއަރލައިނުން ފަސިންޖަރުން ގޮވައިގެން ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން ހުއްޓާލަނީ


ފަސިންޖަރުން ގޮވައިގެން ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލުމަށް ސްރީލަންކަން އެއަރލައިނުން ނިންމައިފިއެވެ.

ކޯވިޑް19 އާ ގުޅިގެން މުޅި ދުނިޔޭގައިވެސް ދަތުރުފަތުރުތަކުގެ ޑިމާންޑްވަނީ ދަށްވެފައެވެ. ސްރީލަންކަން އެއަރލައިނުން ބުނީ ފަސިންޖަރުން ގޮވައިގެން ކުރަމުންއައި ދަތުރުތައް މިމަހުގެ 8 އިން 21 ގެ ނިޔަލަށް ހުއްޓާލާނެކަމަށެވެ. ނަމަވެސް ކާގޯ ފްލައިޓްތަކާއި، ޗާޓަރ ފްލައިޓްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެކަމަށް އެ އެއަރލައިނުން ބުނެއެވެ.

ސްރީލަންކަން އެއަރލައިންސުން ބުނީ މިއީ އެ އެއަރލައިނަށް މިހާތަނަށް ދިމާވި އެންމެ ދަތި އުނދަގޫ ވަގުތުކަމަށެވެ. އަދި ކަމާގުޅުންހުރި އިދާރާތަކުގެ އެންގުންތަކާއި ހާލަތަށް ބަލައި އެޕްރީލް 21 ގެ ކުރިންވެސް ފަސިންޖަރުންގެ ދަތުރުތައް ފެށެންއޮތްނަމަ އެކަން ކުރާނެކަމަށް ސްރީލަންކަން އެއަރލައިންސުން ބުނެއެވެ.

ސްރީލަންކަން އެއަރލައިނުން އަންނަނީ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ކޮންމެ ދުވަހަކު 4 ފުލައިޓް އޮޕަރޭޓްކުރަމުންނެވެ. އަދި ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް އާންމުގޮތެއްގައި ހަފްތާއަކު 3 ފުލައިޓް އަންނަނީ އޮޕަރޭޓްކުރަމުންނެވެ.

ކޯވިޑް19 ގެ ކޭސްތަކެއް ސްރީލަންކާއިން ފެނުމާއި ގުޅިގެން އެ ޤައުމުގައި މިހާރު ވަނީ ކާފިއުވެސް އިއުލާންކޮށްފައެވެ. ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅޭ ޤައުމެކެވެ.