ޚަބަރު

ކޯވިޑް-19: ނޫސްވެރިންނަށް ދޫކުރާ ފާހުގެ ބޭނުން ނަހަމަގޮތުގައި ނުހިފުމަށް އިލްތިމާސްކޮށްފި


މަގުމަތީގައި އެއްގަމު އުޅަނދުފަހަރާއި މީހުން އުޅުން މަނާ ގަޑިތަކުގައި ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމަށްވެސް މަގުމަތީގައި އުޅެވޭނީ ހުއްދަ ލިބިފައިވާ ފަރާތެއްކަން އަންގައިދޭ ފާސް އަޅައިގެންކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ހާމަކޮށްފިއެވެ.

އެކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ކޯވިޑް 19 ފެތުރުން ހުއްޓުވުމަށްޓަކާ މިއަދު ހަވީރު 5 އަކުން ފެށިގެން ރޭގަނޑު 8 ޖެހުމާހަމައަށް މާލެ ވިލިމާލެ އަދި ހުޅުމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި އާއްމުން ބޭރަށް ނިކުމެ އުޅުން މަނާ ގަޑިއެއްގެ ގޮތުގައި އެޗްޕީއޭއިން ހަމަޖައްސާފައިވާތީ އެގަޑިތަކުގައި ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމަށް ނިކުންނަ ފަރާތްތަކަށްވެސް މަގުމަތީގައި އުޅެވޭނީ ޚާއްސަ ހުއްދައެއްގެ ދަށުންކަމަށެވެ. އެހެންކަމުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮންމެ މީޑިއާއަކަށް 5 ފާސް ދޫކުރުމަށް ނިންމާފައިވާކަމަށާއި މިފާސްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މީޑިއާތަކުން މީޑިއާ ކައުންސިލަށް ނަން ހުށައަޅާ ފަރާތްތަކަށް ކަމަށް އެކައުންސިލުން މަޢުލޫމާތުދެއެވެ. އަދި މިފާސް ނެގުމަށް މީޑިއާ ތަމްސީލުކުރާ ފަރާތްތައް ދާންޖެހެނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ދަރުބާރުގޭގައި ޤާއިމުކޮށްފައިވާ ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރަށެވެ.

މީގެ އިތުރުން 4 ފުރޮޅުލީ ވެހިކަލްތައް ބޭނުންކުރާ މީޑިއާތަކުން އެކަމަށްޓަކައި އެޗްޕީއޭއިން ދޫކުރާ ޚާއްސަ ފާސްޖެހުމުގެ އިންތިޒާމު ޓްރެފިކް ޕޮލިސް މެދުވެރިކޮށް ހަމަޖެއްސުމަށްވެސް މީޑިއާ ކައުންސިލުންވަނީ އެދިފައެވެ. މިފާސްތަކަކީ ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމަށް ދޫކުރާ ފާސްތަކަކަށް ވީހިނދު ފާހުގެ ބޭނުން ނަހަމަގޮތުގައި ނުހިފުމަށް މީޑއާ ކައުންސިލުންވަނީ އިލްތިމާސްކޮށްފައެވެ. އަދި އެޗްޕީއޭއިން މިދަނޑިވަޅުގައި އަންގާ އެނގުންތައްކަށް ނޫސްވެރިން ބޯލެނބުމަށްވެސް ކައުންސިލުންވަނީ އިލްތިމާސްކޮށްފައެވެ.

ކޯވިޑް 19 ރާއްޖޭގައި ފެތުރުނަ ނުދީ ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ޢާއްމުން މަގުމަތީގައި އެއްގޮތަކަށްވެސް ނޫޅޭ ގަޑިތަކެއް ކަނޑައެޅުމާއި، ކާބޯތަކެތީގެ ވިޔަފާރި ކުރަތަންތަނުން ޢާއްމުކޮށް ޚިދުމަތްދޭ ގަޑިތަކަށް ބަދަލުގެނައުމުގެ އިތުރުން ޢާއްމުންނަށް ޚިދުމަތްދޭ ތަންތަނުން ދޭ ޚިދުމަތްތައް ވީހާވެސް ބޮޑަށް އޮންލައިން ނިޒާމަކުން ކުރިއަށް ގެންދިޔުމަށް އަންނަނީ ބާރު އަޅަމުންނެވެ.