ވިޔަފާރި

ކޯވިޑް-19 : ރީޖަނަލް 3 އެއަރޕޯޓެއް ރޭގަނޑަށް ބަންދުކޮށްފި


ކޯވިޑް-19 އާއިގުޅިގެން ފްލައިޓްތައް މަދުވެފައިވާތީ 3 އެއަރޕޯޓެއް ރޭގަނޑަށް ބަންދުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

ރޭގަނޑަށް ބަންދުކުރުމަށް ނިންމާފައިވަނީ 24 ގަޑިއިރު ޚިދުމަތްދެމުންދާ އެއަރޕޯޓުތައް ކަމަށްވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ކާޑެއްދޫ އެއަރޕޯޓާއި ފުވައްމުލަކު އެއަރޕޯޓެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވިދާޅުވީ މި އެއަރޕޯޓުތަކުގެ ޚިދުމަތްދޭ ވަގުތު 1 އޭޕްރިލްއިން ފެށިގެން ހެނދުނު ހަޔަކުން އިރުއޮއްސި ހަޔަކަށް ބަދަލުކޮށްފައިވާކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ މިއީ މިދުވަސްވަރު ފްލައިޓް އޮޕަރޭޝަންސްތައް މަދުވުމާއި ގުޅިގެން އެޅި ފިޔަވަޅެއްކަމަށެވެ.

މިއެއަރޕޯޓުތަކުގެ އޮޕަރޭޝަންތައް ރޭގަނޑަށް ހުއްޓާލުމަށް ނިންމާފައިވީނަމަވެސް މެޑިކަލް އިވަކުއޭޝަން ފަދަ ޚާއްސަ ޙާލަތްތަކުގައި ފްލައިޓްތައް ބާއްވާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އެގޮތުން 3 ގަޑިއިރު ކުރިން އެއަރލައިން އޮޕަރޭޓަރުގެ ފަރާތުން އެއަރޕޯޓަށް އެންގެވުމުން ފްލައިޓްތައް ކުރިޔަށް ގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ދަތުރުފަތުރުކުރުން މިހާރު ވަނީ އެއްކޮށްހެން މެދުކެނޑިފައެވެ. މިއާއެކު ރާއްޖޭގެ މައި އެއަރޕޯޓު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންސްތައް ވެސް ވަނީ ރޭގަނޑު ނުވަޔަކުން ހެނދުނު ހަޔަކާއި ދެމެދު ހުއްޓާލާފައެވެ. މިއާއެކު މީގެ ކުރިން ބާރުބޮޑުވެފައި އޮންނަ މި އެއަރޕޯޓު އޮންނަނީ އެއްކޮށް ފަޅަށެވެ.

ދަތުރުތައް ނުލިބުމާއި ގުޅިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ޙަރަކާތްތެރިވާ ވިލާ އެއަރ އަދި މަންޓާ އެއަރއިން ވެސް ވަނީ އެ އެއަރލައިންތަކުގެ ޝެޑިއުލް ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ.