ޚަބަރު

ކޯވިޑް-19 : 45،000 އަށްވުރެ ގިނަ މަރު ، ބަލިޖެހުނު މީހުން މިލިއަނަކާ ގާތަށް


ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު މިލިޔަނަކާ ގާތްކުރާއިރު، ބަލީގައި މަރުވި މީހުންގެ ޢަދަދު 45،000އަށްވުރެ މައްޗަށް އަރައިފިއެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19އަށް މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދުވަނީ 911،000 އަށްވުރެ މައްޗަށް ގޮސްފައެވެ. ބަލި ފެތުރެމުންދާ ހަލުވިކަމަށްބަލާއިރު މަދު ވަގުތުތަކެއްގެ ތެރޭގައި މިޢަދަދު މިލިޔަނަކަށް އަރާނެކަމަށް ބެލެވެއެވެ. ބަލީގައި މިހާތަނަށް 45،500 އަށްވުރެ ގިނަމީހުންވަނީ މަރުވެފައެވެ.

ބަލީގައި ނުރައްކާތެރި ޙާލަތުގައި 34،000އަށްވުރެ ގިނަ މީހުން ތިބިއިރު، ބަލިން ރަނގަޅުވަމުންދާ މަރުޙަލާހައި ތިބި މީހުންގެ ޢަދަދުއެޅެނީ 640،000 އަށްވުރެ މަތީގައެވެ. ބަލި ކޮންޓްރޯލްނުވެ ހަލުވިކަމާއިއެކު ފެތުރެމުންދާ ޤައުމުތަކުގެ ތެރެއިން ދުނިޔޭގެ އެންމެބޮޑު ބާރުގެ ގޮތުގައި ބެލެވޭ އެމެރިކާގައި މިބަލިޖެހުނު މީހުންގެ ޢަދަދުވަނީ 200،000 އަށްވުރެ މައްޗަށް ގޮސްފައެވެ.

އެމެރިކާގައި މިއަދު އެކަނިވެސް ބަލިޖެހުނު މީހުންގެ އަދަދުވަނީ 16،000 އަށްވުރެ މަތީގައެވެ. މިހާތަނަށް އެމެރިކާގައި މިބަލީގައި 4،500 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ދުނިޔޭގައި ބަލީގެ ނުރައްކާ ދެވަނަޔަށް އެންމެބޮޑު ޤައުމު އިޓަލީގައި މިހާތަނަށް 110،000 އަށްވުރެ ގިނަ މީހުންނަށްވަނީ ބަލި ޖެހިފައެވެ. މިބަލީގައި މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވެފައިވަނީވެސް އިޓަލީވިލާތުންނެވެ. އެޤައުމުން މިހާތަނަށް މިބަލީގައި 13،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ސްޕައިންގައި ބަލި ޖެހުނު މީހުންގެ ޢަދަދު 102،000އަށްވުރެ މައްޗަށް އަރާފައިވާއިރު، ބަލީގައި 9،000 އަށްވުރެ ގިނަ މީހުންވަނީ އެޤައުމުން މަރުވެފައެވެ. ޔޫރަޕްގެ ގިނަ ޤައުމުތަކުގައި ބަލި ކޮންޓްރޯލްނުވެ ފެތުރެމުންދާއިރު ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އެންމެގިނަ އެއްބައްރަކީ ޔޫރަޕްކަން ދުނިޔޭގެ ކަމާއިބެހޭ ފަރާތްތަކުން ފާހަނގަކުރެއެވެ.