ޚަބަރު

ޕީ.އެސް.އެމުން "މާލްދީބް" ގެ ނަމުގައި މަޖައްލާއެއް ނެރެފި


ޕަބްލިކް ސަރވިސް މީޑިއާ އިން "މާލްދީބް" ގެ ނަމުގައި މަޖައްލާއެއް ނެރެފިއެވެ.މިއަދު މުލިއާ ގޭގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޖައްލާ، "މާލްދީބް" ރަސްމީގޮތުން ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއެވެ.މި ރަސްމިއްޔާތުގައި، ޕީއެސް އެމްގެ މެނޭޖިންގް ޑިރެކްޓަރ އަދި މަޖައްލާގެ އެޑިޓޯރިއަލް އެޑްވައިޒަރ އިބްރާހިމް ޚަލީލް ދެއްކެވި ވާހަކަފުޅުގައި، ދަޢުލަތުގެ މީޑިއާ އިތުރަށް ހަރުދަނާ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ޗެނަލްތައް ތަޢާރަފްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ."މާލްދީބް" މެގަޒިންގެ އެޑިޓަރ އިން ޗީފް އަކީ ޕީއެސް އެމްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު އިކްރާމްއެވެ. ކޮންޓެންޓް އެޑިޓަރަކީ ހީނާ ވަލީދެވެ. އަދި މެނޭޖިންގް އެޑިޓަރަކީ ފާތިމަތު ޒޫޝާންއެވެ. ޑެޕިއުޓީ މެނޭޖިންގ އެޑިޓަރަކީ މަރިޔަމް ޝަނީޒާއެވެ.މި މަޖައްލާ ނެރުމުގެ ރަސްމިއްޔާތުގައި  ޕަބްލިކް ސަރވިސް މީޑިއާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.