ޚަބަރު

ކޯވިޑް-19 : ފުލުހުންގެ ރައްކާތެރިކަމަށް ޓާސްކްފޯހެއް އެކުލަވާލަވާލައިފި


ކޯވިޑް-19އާ ގުޅިގެން ފުލުހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހެލްތު އެންޑް ސޭފްޓީ ޓާސްކް ފޯހެއް އެކުލަވާލަވާލައިފިއެވެ.

ފުލުހުން ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން އެ ސަރވިސްއިން ކުރަމުންގެންދާ މަސައްކަތުގައި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މިއަދުން ފެށިގެން ފުލުހުންގެ މުޅި މުއައްސަސާގެ ހުރިހާ ޑައިރެކްޓަރޭޓްތައް ތަމްސީލު ކުރެވޭގޮތަށް ހެލްތު އެންޑް ސޭފްޓީ ޓާސްކް ފޯހެއް ކޮމިޝަނަރ އޮފް ޕޮލިސް އެކުލަވާލައްވާފައިވާކަމަށެވެ.

މިއީ ކޯވިޑް-19އާ ގުޅިގެން މިޙާލަތުގައި މަސައްކަތްކުރާ ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަޤުސަދުގައި އެކުލަވާލި ޓާސްކްފޯހެކެވެ. މީގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް މިއަދުވަނީ، އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ތަޙްޤީޤު ކުރުމުގެ އުސޫލު އެކުލަވާލުމަށްފަހު އެ އުސޫލު ފުލުހުންނަށް ޢާއްމު ކުރައްވާފައެވެ.

އަދި މިހާރު އިއުލާންކޮށްފައިމިވާ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އަންގާ ކަންކަން ތަންފީޒު ކުރުމުގައި ފުލުހުން ޢަމަލުކުރަންވީ ގޮތުގެ އުސޫލާއި, އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި، ގައިންގަޔަށް ފަސޭހަކަމާއެކު އަރާ ބައްޔެއް ފެތުރެމުންދާ ވަގުތެއްގައި ޕޮލިސް ކަސްޓަޑީ އިން ޢަމަލުކުރާނެ ގޮތުގެ އުސޫލު ކޮމިޝަނަރ އޮފް ޕޮލިސް މިހާރުވަނީ އާއްމުކުރައްވާފައިކަމަށް މޯލްޑިވްސް ޕޮލިސްސަރވިސުން މައުލޫމާތުދެއްވިއެވެ.

ކޯވިޑް-19 އިން ރައްޔިތުން ރައްކާތެރިކުރުމާއި އެޗްޕީއޭއިން އަންނާ އެންގުތައް ތަންފީޒުކުރުމުގައި ފުލުހުންދަނީ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރާއެކު މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ. މީގެއިތުރުންވެސް މާޗްމަހުގެ 9އިން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރިންސިކް ޑިޕާޓްމަންޓްގެ އޮފިސަރުން ދަނީ ކޯވިޑް19އާ ގުޅިގެން ސާމްޕަލްނަގާމީހުން ޓެސްޓުހެދުމުގެ މަސައްކަތުގައި އިއިޖީއެމް ހޮސްޕިޓަލްގެ ލެބޯޓްރީ މުވައްޒަފުންނާއެކު ހަރަކާތްތެރިވަމުންނެވެ.