ޚަބަރު

ކޯވިޑް-19އަށް ޓެސްޓުހެދުމަށް ރައީސް ނަޝީދުގެ ސާމްޕަލް ނަގައިފި


ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނިންމެވުމާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ކޯވިޑް-19އަށް ޓެސްޓުހެދުމަށް ސާމްޕަލްނަގައިފިއެވެ.

ރައީސް ނަޝީދުގެ ސާމްޕަލް ނަގާފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. އެމަނިކުފާނުގެ ސާމްޕަލް ނަންގާފައިވަނީ ސާމްޕަލް ނެގުމަށް ޚާއްސަކޮށްފައިވާ "ރެޕިޑް ރެސްޕޮންސް ޓީމް، (އާރުއާރުޓީ)"ގެ ޓީމުންނެވެ.

މަޖިލީހުގެ އިދާރާއިން މިއަދުވަނީ ކޯވިޑް19އަށް ޓެސްޓްހެދުމަށް ރައީސް ނަޝީދުގެ ސާމްޕަލް ނެގި މަންޒަރުގެ ވީޑިއޯ ޓްވީޓުކޮށްފައެވެ.

ޓެސްޓުކުރުމަށް ރައީސް ނަޝީދުގެ ސާމްޕަލް ނަގާފައި މިވަނީ މިމަހުގެ 14އިން 19އަށް އިނގިރޭސިވިލާތުން ރާއްޖެއައި ހުރިހާ ދިވެހިންގެ ޓެސްޓްހެދުމަށް ނިންމައި އެމީހުންގެ ސާމްޕަލް ނަގާފައިވަނިކޮށެވެ. އެމަނިކުފާނު ދާދިފަހުން އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމަށްފަހު މާލެ ވަޑައިގެންނެވީ މި މުއްދަތުގެ ތެރޭގައެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސެންޓަރުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވީ ކޯވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ދަތުރުފަތުރުކުރުން މަނާކުރުމުގެ ކުރިން އިގިރޭސިވިލާތުން ރައްޖެއައި އެންމެންގެ ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތް އެޗްޕީއޭއިން ފަށާފައިވާކަމަށެވެ.

އެނާ ވިދާޅުވީ އެމުއްދަތުގައި ރާއްޖެއައި ދިވެހިންގެ ޢަދަދު 50އަށްވުރެ ގިނަކަމަށާއި، އެއެންމެންވެސް ކޯވިޑް-19އަށް ޓެސްޓުކުރާނެކަމަށެވެ.

ބޭރު ޤައުމުތަކުން ރާއްޖެއަންނަ ހުރިހާ ދިވެހިން 14 ދުވަހުގެ މުއްދަތައް ކަރަންޓީން ކުރުމަށް ނިންމިފަހުން އިނގިރޭސި ވިލާތުން ރާއްޖެއައުމުން ކަރަންޓީނުކޮށްފައިވާ މީހުންގެ ތެރެއިން މިއަދާހަމައަށް ވަނީ 4 މީހަކު ކޯވިޑް19 އަށް ޕޮޒިޓިވެވެފައެވެ.