ޚަބަރު

ކޯވިޑް-19 : ދިމާވެދާނެ ޙާލަތަކަށް މޯލްޑިވިއަން އޮތީ ތައްޔާރަށް


ކޯވިޑް-19އާ ގުޅިގެން ބޭރުގެ އެކި ޤައުމުތަކުގައި ތިބި ދިވެހިން އަނބުރައި ރާއްޖެ ގެންނަންޖެހިއްޖެ ޙާލަތެއްގައި އެކަމަށް ތައްޔާރަށް އޮތްކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބުނެފިއެވެ. ކޯވިޑް-19އާ ގުޅޭ މަޢުލޫމާތު ގެނެސްދިނުމަށް ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޚާއްޞަ ލައިވް ކަވަރޭޖްގައި މަޢުލޫމާތުދެއްވަމުން މޯލްޑިވިއަންގެ މެނޭޖަރ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މޫސާ ވަސީމް ވިދާޅުވީ ޤައުމުތަކުގެ ވައިގެ ސަރަޙައްދު ހުޅުވާނަމަ އެފުރުސަތުގެ ބޭނުން ހިފައި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެހީވުމަށް މޯލްޑިވިއަން ތައްޔާރަށް އޮތްކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ޕީއެސްއެމްނިއުސްއިން ގެނެސްދޭ ޚާއްސަ ލައިވް ކަވަރޭޖުގައި ވާހަކަފުޅުދައްކަވަމުން މޫސާ ވަސީމް ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން މޯލްޑިވިއަންއިން މިހާރުވެސް އަންނަނީ ކުރިން ދަތުރުނުކުރާ މަންޒިލްތަކަށް ދަތުރުކުރަމުންކަމަށެވެ. އެގޮތުން މިދުވަސްވަރު ރާއްޖެއަށް ކާގޯ ގެނައުމުގެ މަސައްކަތްކުރާ ބައެއް ސަރަޙައްދުތަކަކީ މޯލްޑިވިއަންއިން ކުރިން ދަތުރު ނުކުރާ ސަރަޙައްދުތަކެއްކަން މޫސަ ފާހަގަކުރެއްވިއެވެ.

"އެއްވެސް ހިސާބަކުން ދިވެހިން ގެނައުމުގެ މަސައްކަތް ކުރަންޖެހިއްޖެ ނަމަ އެމީހުން ގެނައުމަށް ޤައުމީ އެއަރލައިން އޮތީ ތައްޔާރަށް. އަޅުގަނޑުމެން މިހާރުވެސް ކާގޯ ގެނައުމަށް ދަތުރު މިކުރާ ބައެއް ސަރަޙައްދުތަކަކީ މޯލްޑިވިއަނުން ޝެޑިއުލްކޮށް ދަތުރުކުރާ ޤައުމުތަކެއް ނޫން." މޫސާ ވަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން މިދުވަސްވަރު ގިނަ ބަޔަކު ހޭންޑް ސެނިޓައިޒާ ގަނެގެން އަތޮޅުތަކުގެ ރަށްރަށަށް ވައިގެމަގުން ފުރަންދާކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ ސެނިޓައިޒާއަކީ އެގޮތަށް މަތިންދާބޯޓަށް އެރުވުމުގެ ހުއްދަ ނެތް އެއްޗެއްކަމަށެވެ. އެހެންކަމުން އަގުބޮޑުކޮށް ސެނިޓައިޒާ ގަނެގެން ގެންދިޔަޔަސް އަތަކެތި ފޮށިން ނަގަންޖެހޭނެކަމަށާ، ހަވާލުވާނެ މީހަކު އެއަރޕޯޓުގައި ނެތްނަމަ އެތަކެތި ޖެހޭނީ އުކާލަން ކަމަށްވެސް މޫސަ ވިދާޅުވިއެވެ. މަތިންދާ ބޯޓުގައި ސެނިޓައިޒާ ގެންދެވޭނީ ކާގޯގެގޮތުގައި ތަކެތި އުފުލާ ޚާއްސަ އުސޫލުތަކެއްގެ ތެރެއިންކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެކި ބޭފުޅުން ވަރަށް އަގު ބޮޑެތިކޮށް ސެނިޓައިޒާ ހިފައިގެން ފުރަން އައިމަ އެއަރޕޯޓުން އެބަހުއްޓުވާ. އެއީ އޭގައި އެލްކޮހޮލްގެ މިންވަރު ހިމެނޭތީ ނުރައްކާ ތަކެތީގެ ގޮތުގައި ބަލާ ބަވަތެއް. އެހެން ވީމަ ބޯޓަކަށް ނާރުވާނެ. ބޮޑެތި ސެނިޓައިޒާ ފުޅި އެބަނެގޭ. ފޮށީގައި އޮތަސް ހޭންޑް ބޭގްގައި އޮތަސް އެއަރޕޯޓުން އެނަގާނެ." މޫސަ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން މޯލްޑިވިއަންގެ ސްޓާފުންގެ ރައްކާތެރިކަމަށްވެސް އެކުންފުނިންވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޢުމުރުން ދުވަސްވީމީހުނަށް މުސާރަ ހިންގާގޮތަށް ޗުއްޓީ ދިނުމާއި މުސާރަ ނުހިނގާގޮތަށް ޗުއްޓީ ބޭނުން މީހުނަށް އެފުރުސަތުވެސް އެކުންފުނިންވަނީ ހުޅުވާލާފައެވެ. އަދި މިޙާލަތާ ގުޅިގެން ކުންފުނީގެ ބޯޑު މެންބަރުންނާއި ސީނިއާ މުވައްޒަފުންވަނީ އަމިއްލައަށް އެދިގެން އެމީހުންގެ މުސާރައިގެ %20 އުނިކޮށްފައެވެ.