ޚަބަރު

ކޯވިޑް-19 : އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް އިތުރު ލުއިތަކެއް!


ވިޔަފާރިއާއި ގުޅޭ ފައިނޭންސް ފެސިލިޓީސް ނަގާފައިވާ ފަރާތްތަކާއި ރީޓެއިލް އަދި ކޮންޒިއުމާ ފައިނޭންސް ފެސިލިޓީސް ނަގާފައިވާ ފަރާތްތަކަށް ލުޔެއް ދިނުމަށް މޯލްޑިވްސް އިސްލާމިކް ބެންކް، އެމްއައިބީން ނިންމައިފިއެވެ.

ސަރުކާރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިއުލާންކޮށްފައިވާ ސަޕޯޓް ޕްލޭންގެ ދަށުން ކޯވިޑް-19 އާއި ގުޅިގެން ކަސްޓަމަރުން ނަގާފައިވާ ލޯންތަކާއި އެހެން ފެސިލިޓީތަކަށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތެއް ހަދާދިނުމުގެ ގޮތުން ކަސްޓަމަރުންގެ ތެރެއިން ވިޔަފާރިއާ ގުޅޭ ފައިނޭންސް ފެސިލިޓީސް ނަގާފައިވާ ފަރާތްތަކާއި ރީޓެއިލް އަދި ކޮންޒިއުމާ ފައިނޭންސް ފެސިލިޓީސް ނަގާފައިވާ ފަރާތްތަކުން "ކޯވިޑް-19 ސަޕޯޓް އެޕްލިކޭޝަން ފޯމް" ފުރިހަމަ ކުރުމަށް ފަހު މެއިލް ކުރުމުން އެންމެ އެކަށޭނެ ލުއި ގޮތްތަކެއް ވަކިވަކިން ހަމަޖައްސައިދޭނެ ކަމަށް އެމްއައިބީ މަޢުލޫމާތުދެއެވެ.

މި ފަދަ ލުއިތައް ލިބޭނީ ފޯމު ހުށަހަޅާ ފަރާތްތަކާއި އެ ބޭންކުގެ ބިޒްނަސް ޓީމުން މަޝްވަރާކުރުމަށްފަހު އިންޓާނަލް އެސެސްމަންޓެއް ހެދުމަށްފަހުގައި ކަމަށްވެސް އެބޭންކުން މަޢުލޫމާތުދެއެވެ.

ފޯމު ހުށަހަޅާއިރު ހުށަހަޅަންޖެހޭތަކެތި އެ ފޯމުގައި ބަޔާންކޮށްފައިވާ ކަމަށާއި އެހެންކަމުން ހުރިހާ ލިޔެކިޔުމެއް ހަމަކުރުމަށް ސަމާލުކަން ދިނުމަށް ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހުރިހާ ލިޔެކިޔުމެއް ހަމަވުމުން ނޫނީ އެއްވެސް ފޯމެއް އިވެލުއޭޓް ނުކުރާނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށްވެސް ހީނަރުކަން އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.