ޚަބަރު

ކޯވިޑް-19: ޤައުމުތައް ކާބޯތަކެއްޗަށް ނުޖެހޭނެ ގޮތަކަށް ފިޔަވަޅު އަޅަންޖެހޭ: އދ


ކޯވިޑް-19ގެ ސަބަބުން މުޅި ދުނިޔެ ކާބޯތަކެއްޗަށް ޖެހިދާނެކަމަށް ސަމާލުވެ ފިޔަވަޅުތައް އެޅުމަށް އދ.ގެ ކާބޯތަކެއްޗާ ބެހޭ ޖަމްޢިއްޔާ ފުޑް އެންޑް އެގްރިކަލްޗަރއިން ގޮވާލައްވައިފިއެވެ.

އެއިދާރާގެ ޑިރެކްޓަ ޖެނެރަލް ކޫ ޑޮންޖޫ ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުތައް މެދުކަނޑާލާ ވިޔަފާރީގެ ކަންކަމަށް ބުރުއެރުމުގެ ސަބަބުން ކާބޯތަކެއްޗާއި އެތަކެތި ހެއްދުމަށް ބޭނުންވާ ވަޞީލަތްތައް ލިބުމުގައި ގޮންޖެހުންތަކެއް މެދުވެރިވެފައިވާކަމަށެވެ. އެކަމުގެ ސަބަބުން ދަނޑުވެރިކަމުގެ ސިނާޢަތަށް ދަތިތައް ކުރިމަތިވަމުންދާކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން މިދަނޑިވަޅުގައި އިތުރު ކާރިސާއެއް ކުރިމަތިވުމުގެ ބިރު އެބައޮތްކަމަށެވެ. ކޫ ވިދާޅުވީ ގިނަ ޤައުމުތަކަށް އަދި ކާބޯތަކެތީގެ ދަތިކަން ދިމާވެފައި ނުވިނަމަވެސް އަވަސް މުސްތަގުބަލެއްގައި މި ބަލިމަޑުކަމުން އަރައި ނުގަނެވިއްޖެނަމަ ދުނިޔެ ކުރިމަތިލާންޖެހޭނީ ކާބޯތަކެއްޗަށް ޖެހުމުގެ ކާރިސާއަކާއި ކަމަށެވެ. ވިސްނަން ޖެހެނީ ކޮންމެ ޤައުމަކަށް ބޭނުންވާވަރަށް ކާބޯތަކެތި އުފެއްދުން މަޑުޖެހިދާނެ ފަދަ ޙާލަތަކަށް ކަމަށާއި އެކަމަށް ތައްޔާރުވުމުގެ ގޮތުން ޤައުމުތަށް ގުޅިގެން އަޅާނެ ފިޔަވަޅުތަކެއް ކަނޑައެޅުމަށް ޔޫއެންގެ ފުޑް އެންޑް އެގްރިކަލްޗަރގެ ޑިރެކްޓަރ ޖެނެރަލްވަނީ ޤައުމުތަކަށް ގޮވާލައްވާފައެވެ.

އޭނާ ވިދާޅުވީ ކޯވިޑް-19ން ރައްކާތެރިވުމަށް އަޅަމުންދާ ބޮޑެތި ފިޔަވަޅުތަކުގެ ސަބަބުން އިގްތިޞާދީ ބޮޑެތި ލޮޅުންތައް އަރަމުންދާކަމަށެވެ. އެތައް މިލިއަން ބަޔަކު ކާބޯތަކެއްޗަށް ޖެހި ކުރިމަތިވެދާނެ ބޮޑު ކާރިސާއިން އަރައިގަތުމަށް ޤައުމުތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކޫ ގޮވާލެއްވިއެވެ. މީގެ ތެރޭގައި އިގްތިޞާދީ ގޮތުން ވަރުގަދަ ޤައުމުތައް އިސްތިސްނާނުވާކަން ފާހަގަކުރައްވަމުން ކޫ ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ކާބޯތަކެތި ފޯރުކޮށްދިނުމުގެ ބައިނަލްއަޤުވާމީ ނިޒާމަށް ބުރޫއެރުން ވީހަވެސް ބޮޑަށް ކުޑަކުރަން ޖެހޭކަމަށެވެ.

ކޯވިޑް-19އިގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމު ވަނީ ހުއްޓުމަކަށް ގެނެވިފައެވެ. ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ޤައުމުތަކުން އެއްގަމާ ކަނޑުގެ ދަތުރުތައް މިދުވަސްވަރު ވަނީ ހުއްޓުވާފައެވެ. އެއްޤައުމުން އަނެއް ޤައުމަށް އޮތް ވައިރަސް ފެތުރިގެން ދިޔުމުގެ ނުރައްކާ ކުޑަކުރުމަށް ކޮންމެ ޤައުމަކުންވެސް އަންނަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. މީގެ ސަބަބުން އިގްތިޞާދީ ބޮޑު ގެއްލުމަކާ އެކި ދާއިރާތަކުން އަންނަނީ ކުރިމަތިލަމުންނެވެ.