ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ވަފްދާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، ސަޢޫދީ ޢަރަބިއްޔާގެ
ވަފުދުގެ ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި
އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި،
ސަޢޫދީ ޢަރަބިއްޔާގެ ވަފްދާ ބައްދަލުކުރަން ފުރުޞަތު ލިބުނީތީ އުފާފާޅުކުރައްވާ
ޝުކުރުއަދާކުރެއްވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ވަފްދުން ވަޑައިގެންނެވި
ބޭފުޅުންވެސް މި ފުރުޞަތު ދެއްވިކަމަށްޓަކައި ޝުކުރުދެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި، ސަޢޫދީ ޢަރަބިއްޔާއާއި
ރާއްޖޭގައި އިންވެސްޓް ކުރާ މިންވަރު އިތުރުކުރުމަށް ހުރި ފުރުޞަތުތަކާ ބެހޭގޮތުން
ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ
ވިދާޅުވިގޮތުގައި ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާއި ދެމެދު ޖޮއިންޓް ވެންޗަރ
އިންވެސްޓްމަންޓު ތަކަށް ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވިއެވެ. މިއަދުގެ
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ
އާއި ސަޢުދީ ޢަރަބިއްޔާ އާއި ދެމެދު ދަތުރުފަތުރު ކުރުމަށް ދިމާވާ ދަތިތަކާބެހޭ
ގޮތުން ވާހަކަފުޅުދައްކަވަމުން ދެޤައުމުދޭތެރޭގައި ފަސޭހައިން ދަތުރުކުރެވޭނެ
ނިޒާމެއް ޤާއިމް ކުރުމަކީ މުހިއްމު ކަމެއްކަމުގައި ވިދާޅުވިއެވެ.









މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން
އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ
މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ.
މުޙައްމަދު ޝައިނީ އާއި ދިވެހި ދައުލަތުގެ ސަފީރު ޢަބްދުﷲ ހަމީދު އަދި ސަޢުދީ
ޢަރަބިއްޔާގެ ވަފުދުގަ ހިމެނޭ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.