ޚަބަރު

ސްރީލަންކާގެ ރައީސް ފުރާވަޑައިގެންފި


ރާއްޖޭގެ ފަންސާސް ވަނަ މިނިވަންދުވަހުގެ މުނާސަބަތާއި ގުޅިގެން ބޭއްވި ރަސްމީ ދަރުބާރުގައި ބައިވެރިވެވަޑައިގަތުމަށްފަހު ސްރިލަންކާގެ ރައީސް މައިތިރަޕާލާ ސިރިސޭނާ ރާއްޖެއިން ފުރާ ވަޑައިގެންފިއެވެ.ރައީސް ސިރިސޭނާއަށް އިބްރާހިމް ނާސިރު އިންޓަނޭޝެނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ ފޮރިން މިނިސްޓަރ ދުންޔާ މައުމޫނާއި އެންވަރމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމެވެ.ރައީސް ސިރިސޭނާގެ މި ދަތުރުފުޅަކީ ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ދަރުބާރުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް  ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. ރައީސް ސިރިސޭނާގެ މިދަތުރު ފުޅުގައި އިއްޔެވަނީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ކެބިނެޓާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ. މިއީ އެމަނިކުފާނު ލަންކާގެ ރައީސްކަމުގެ ހުވާކުރެއްވިފަހުން، ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ސިރިސޭނާ ލަންކާގެ ރައީސްކަމުގެ ހުވާކުރައްވާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ނުވަވަނަ ދުވަހެވެ. އެމަނިކުފާނަކީ ސްރީލަންކާގެ ހަތްވަނަ ރައީސެވެ. އަދި އެޤައުމުގެ މެދުދެކުނު ޕްރޮވިންސްއަކުން އިންތިޚާބުވެވަޑައިގެން ފުރަތަމަ ރައީސެވެ.