ޚަބަރު

މި ދަނޑިވަޅުގައި އެއްވުންތައް ބޭއްވުމުގެ ފުރުސަތެއް ނުދޭނަން - ފުލުހުން


ޢާއްމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ރާއްޖޭގައި އިޢުލާންކޮށްފައިވާތީ އެއްވެސް ޙާލެއްގައި އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދިނުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

މިޙާލަތާ ގުޅިގެން ސަފާރީތަކުން މުވައްޒަފުން ފޭބުން މަނާކޮށްފައިވާތީ، ސަފާރީތަގުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންދަނީ މުޒާހަރާ ކުރަމުންނެެވެ. ނަމަވެސް ފުލުހުން ވިދާޅުވެފައިވަނީ، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވަނިކޮށް އެއްވެސް އެއްވުމެއް ކުރިއަށް ނުގެންދެވޭނެކަމަށެވެ.
މި ނިންމުމަކީ އެއްމެންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅަކަށްވާތީ، ޤާނޫނީ ތަރަހައިގެ ތެރެއިން ޢަމަލުތައް ބެހެއްޓުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.

ބައެއް ސަފާރީތަކުގެ މުވައްޒަފުން މިނިންމުމާ ހިތްހަމަނުޖެހުން ފާލުކުރަމުންދާތީ ބޯޓިންގ އެސޯސިއޭޝަނުންވެސްވަނީ އެފަރާތްތަކަށް އިލްތިމާސެއް ނެރެފައެވެ.

އެ އެސޯސިއޭޝަނުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ އެޗްޕީއޭގެ ނިންމުމަށް މިދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ބޯލެނބުމަށް އަންގާކަމަށެވެ. އަދި އެޗްޕީއޭއިން ދީފައިވާ 14 ދުވަހުގެ މުއައްދަތަކީ މުޅި މުޖުތަމަޢުގެ ރައްކާތެތެރިކަމަށް ބަލައި، ވައިރަސް ފެރުތުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅަކަށްވާތީ މި ނިންމުމަށް ހުރިހާ މުވައްޒަފުން ކިޔަމަންވުމަށްވަނީ އަންގާފައެވެ.

މިނޫސްބަޔާނުގައި ބުނެފައިވަނީ 14ދުވަހުގެ މުއައްދަތު ހަމަވުމުން އެޗްޕީއޭއަށް މަޢުލޫމާތު ޙިއްސާކޮށް ހުއްދަލިބުމުން، ސަފާރީން ފޭބުމުގެ ފުރުސަތު ލިބޭނެކަމަށެވެ. މި ދަނޑިވަޅުގައި ސަރުކާރުން ނިންމާ ނިންމުންތަކަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ބޯޓިންގ އެސޯސިއޭޝަނުންވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް 19އަށް ޕޮސިޓިވްވި 18މީހުންގެ ތެރެއިން 2މީހުން ޕޮސިޓިވްވެފައިވަނީ ސަފާރީއަކުންނެވެ. މިކަމާއި ގުޅިގެން ސަފާރީތަކުން މީހުން ފޭބުމާއި، މީހުން ދިރިއުޅޭ ރަށްތަކުގައި ބަނދަރުކުރުންވަނީ މަނާކޮށްފައެވެ.