ޚަބަރު

އިންޑިއާއިން ނުގެނެވިހުރި ބޭހުގެ ބާވަތްތައް ބުރާސްފަތި ދުވަހު ރާއްޖެ ގެންނާނެ-ފޮރިން މިނިސްޓްރީ


ކޯވިޑް-19 އާ ގުޅިގެން އިންޑިއާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ނުގެނެވިހުރި ބޭހުގެ ބާވަތްތައް ބުރާސްފަތި ދުވަހު ރާއްޖެ ގެންނާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ނުގެނެވި ހުރި ބޭސްތައް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ އިންޑިއަން އެއަރފޯސްގެ މަތިންދާބޯޓެއްގައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މާދަމާގެ ވަގުތެއްގައި އިންޑިއަން އެއަރފޯސްގެ މަތިންދާބޯޓެއްގައި އިންޑިއާގެ ނިއުދިއްލީ، މުމްބާއީ، ޗެންނާއީ އަދި މަދޫރާއީގައި ހުރި 8 ޓަނުގެ ބޭސް ރާއްޖެ ގެނައުމަށް އެއްތަނަކަށް ގެންދާނެކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން މުޅި އިންޑިއާ ލޮކްޑައުން އަކަށް ދިޔުމާ ގުޅިގެން ރާއްޖެއަށް ގެންނަން ތައްޔާރުކޮށްފައިވާ ބޭހުގެ ޝިޕްމަންޓްތައް ރާއްޖެ ނުގެނެވި ހުރުމާ ގުޅިގެން އެތަކެތި ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު ބޭސްތައް ހުރި ސިޓީތަކުން އެއްތަނަކަށް ގެންގޮސް، އެތަކެތި ރާއްޖެ ގެނައުމަށް ރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ، އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން އޯޑަރުކޮށްފައިވާ ބޭހުގެ ޝިޕްމަންޓަކެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭހުގެ 3 މަސްދުވަހުގެ ސްޓޮކެއް ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން ދީފައިވެއެވެ. އަދި ލޮކްޑައުން ހާލަތާ ގުޅިގެން ކާޑުގެ ބައެއް ބާވަތްތައް ގެނައުމަށް ދިމާވި ދަތިތައްވެސް ހައްލުކޮށް، ކާޑުގެ ޝިޕްމަންޓްތައް ވަނީ ރާއްޖެ ގެނެސްފައެވެ.

ރާއްޖެއަށް ބޭނުންވާ ޒަރޫރީ ވަރަށް ގިނަ މުދާ އިންޑިއާއިން އިމްޕޯޓްކުރަމުންދާއިރު، މިތަކެތި ރާއްޖެ ގެނައުމުގައި އެއްވެސް ދައްޗެއް ދިމާވިޔަ ނުދިނުމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މިދިޔަ ހަފްތާގައި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ ސުބްރަމާނިއަމް ޖައިޝަންކަރާވެސް މަޝްވަރާކުރައްވާފައެވެ.

ފޯނުން ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި އެއްވެސް މެދުކެނޑުމެއްނެތި ބޭހުގެ ބާވަތްތަކާ ކާޑުގެ ބާވަތްތައް ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަން އިންޑިއާއިން ވަނީ ދެއްވާފައެވެ.