ޚަބަރު

ކޯވިޑް-19 : 35 ކުންފުންޏަކުން ދަނީ ވެކްސިނެއް އުފެއްދުމަށް މަސައްކަތް ކުރަމުން!


ދުނިޔޭގައި އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އެތައްލައްކަ ބަޔަކަށް ޖެހިފައިވާއިރު މިބައްޔަށް ފަރުވާއެއް ހޯދުމަށް ބޭސް ތައްޔާރުކުރާ ބޮޑެތި ކުންފުނިތަކާއި ބަޔޯޓެކް ކުންފުނިތަކުން ދަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ. އެގޮތުން މިބައްޔަށް ދެވޭނެ ބޭހާއި، ވެކްސިން ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ކުންފުނިތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމެއްގެ އެތައްހާސް ބަޔަކަށް ޖެހި، ގިނަ އަދަދެއްގެ މީހުން މަރުވަމުންދާ ނުރައްކާތެރި ކޯވިޑް-19 އަށް މިހާތަނަށް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. މިބައްޔަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ދުނިޔޭގެ 35 ކުންފުންޏަކާއި އިންސްޓިޓިއުޓްތަކަކުން ދަނީ ކުރަމުންނެވެ.

ކޯވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަން އެންމެ ފަހުން އިއުލާންކޮށްފައިވަނީ ދުނިޔޭގެ ނަން މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޖޯންސަން އެންޑް ޖޯންސަން އިންނެވެ. އެކުންފުނިން ބުނިގޮތުގައި ކޯވިޑް-19 އަށް ތައްޔާރުކުރާ ވެކްސިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިންސާނުންނަށް ޓެސްޓްކުރަން ފަށާނެކަމަށެވެ. އަދި 2021 ގެ ކުރީކޮޅާއި ހަމަޔަށްދާއިރު އެމެޖެންސީކޮށް ބޭނުންކުރުމަށް މިވެކްސިންގެ އެއް ބިލިއަން ޑޯޒް ތައްޔާރުކުރެވޭނެކަމަށް އުންމީދުކުރާކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަންއިން ކޯވިޑް-19 އަށް އުފައްދާ ވެކްސިން ތަރައްޤީކުރަމުންދަނީ އެމެރިކާގެ ހެލްތު އެންޑް ހިއުމަން ސާރވިސް ޑިޕާޓްމަންޓުގެ ބަޔޯމެޑިކަލް އެޑްވާންސް ރިސާޗް ޑިވެލޮޕްމަންޓް އޮތޯރިޓީ، ބަރްދާއާއި ގުޅިގެންނެވެ. މިޚަބަރާއެކު ޖޯންސަން އެންޑް ޖޯންސަންގެ ހިއްސާ ވަނީ 7 އިންސައްތަ މައްޗަށް ގޮސްފައެވެ.

މީގެއިތުރުންވެސް ގިނަ ކުންފުނިތަކަކުންދަނީ ކޯވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. މީގެތެރޭގައި ބޭސް އުފައްދާ ކުދި ކުންފުނިތަށްކަމަށްވާ ބަޔޯޓެކްސް މޮޑޭރނާ (އެމްއާރުއެންއޭ)، ނޮވާވެކްސް (އެންވީއޭއެކްސް)، އިނޯވިއޯ (އިނޯ) އަދި ޖަރުމަނުވިލާތުގެ ބަޔޯންޓެކް (ބީއެންޓީއެޗް) އާއި އެކު މަސައްކަތްކުރަމުންދާ ބިގް ފާމާ ޕިފްޒޭ (ޕީއެފްއީ) ހިމެނެއެވެ.

މިކުންފުނިތަކުގެ ތެރެއިން މޮޑޭނާ، ނޮވާވެކްސް، އިނޯވިއޯ އަދި ބަޔޯންޓެކްގެ ހިއްސާތަށް މިކަމާ ގުޅިގެން ވަނީ މައްޗަށް ގޮސްފައެވެ.

މިބައްޔަށް އައު ވެކްސިންއެއް ހޯދުމަށް ގިނަ ދުވަސް ނަގާތީ، މިހާރު ބައެއް އެހެން ބަލިތަކަށް ތައްޔާރުކޮށްފައިވާ ބޭހާއި ވެކްސިން މިބަލި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގައި ބޭނުންކޮށްގެން ބަލި ރަނގަޅު ކުރެވޭތޯ ބެލުމަކީވެސް ކުރެވިދާނެ ކަމެއްކަމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ބޭސް ތައްޔާރުކުރާ ބައެއް ކުންފުނިތަކުން ބުނާގޮތުގައި މިހާރުވެސް ގައިން ގަޔަށް އަރާ ބަލިތަކަށް ބޭނުންކުރާ ބައެއް ބޭސްތައް ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ދަނީ ބޭނުންކުރަމުންނެވެ. އެގޮތުން އެހެން ބަލިތަކަށް ތައްޔާރުކޮށްފައިވާ ތިން ބޭހެއް ދަނީ ކޯވިޑް-19 އަށް ފަރުވާދިނުމަށް ބޭނުންކޮށް ޓެސްޓު ކުރަމުންނެވެ. މީގެތެރެއިންވެސް އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ އެބޯލާ އަދި ގައިންގަޔަށް އަރާ އެހެން ބަލިތަކަށް ޚާއްސަކޮށްގެން ގިލީޑް ސައިންސަލްސް، ގިލްޑުން ތައްޔާރުކޮށް ބޭނުންކުރި ރެމްޑެސެވިރެވެ. ޑަބްލިއުއެޗްއޯއިންވެސް ދަނީ ރެމްޑެސެވިރަކީ ކޯވިޑް-19 އަށް ފަރުވާދިނުމަށް ބޭނުން ކުރަން އެންމެ އުންމީދީ ބޭހެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. ޑަބްލިއުއެޗްއޯއިން ދަނީ މިބޭސް ސްޕެއިން އާއި ނޯވޭގައި ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ދީގެން ޓެސްޓްކުރަމުންނެވެ. ނަމަވެސް މި ބޭސް އަދި ބޭނުންކުރަމުންދަނީ އިންވެސްޓިގޭޝަނަލް ބޭހެއްގެ ގޮތުގައެވެ.

މީގެއިތުރުންވެސް އެޗްއައިވީ އަށް ފަރުވާ ދިނުމަށް ބޭނުންކުރާ އޭބީބީވީގެ ކެލެޓްރާ ބޭހާއި، ލޮޕިނާވިރް، ރިޓޯނާވިރް، ކެވްޒާރާ އަދި ރިއުމަޓޮއިޑް ހަތަރު ބޭހަކީވެސް އެކުގައި ދީގެން ކޯވިޑް-19 ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމަށް ބޭނުންކުރަން އުންމީދީ ބޭސްތަކެއްކަމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ކޯވިޑް-19 ގެ އެކި އުނދަގޫތައް ކުޑަކޮށް، އެކަންކަމަށް ފަރުވާދިނުމުގައި އެހެން ކަންކަމަށް ދެމުންދާ ބޭސްތައް މިހާރުވެސް ދަނީ ޓެސްޓްކުރަމުންނެވެ.