ސިޔާސީ

ޚާރިޖީ ގޮންޖެހުންތަކަށް ފާރަލައި، އެކަންކަމަށް ސަމާލުވާންޖެހޭ


މިނިވަންކަން އޭގެ އެންމެ ފުރިހަމަ ކަމާއެކު ދެމެހެއްޓުމަށް ޚާރިޖީ ގޮންޖެހުންތަކަށް ފާރަލައި، އެކަންކަމަށް ސަމާލުވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.މިނިވަންދުވަހުގެ ރަސްމީ އިޙްތިފާލު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ ޤައުމުގެ އެތެރެއިން ދިމާވާ ގޮންޖެހުންތަކަށްވުރެ، ޤައުމުގެ ބޭރުން އަންނަ ޚާރިޖީ ހަމަލާތަކަކީ އެންމެހާ ދިވެހި ރައްޔިތުން އެކަމަށް ސަމާލުވެ ފާރަވެރި ވާންވީ ކަމެއްކަމަށެވެ.ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކުން އެކި އެކި ގޮތްގޮތުން، ތަރައްޤީ ވަމުންއަންނަ ޤައުމުތަކުގެ ދާޚިލީ އިޚްތިޞާސްގެ  ތެރެއަށް ވަދެ، ޤައުމީ ސިޔާދަތަށް އުނިކަން އަންނަ ކަންކަން ތަޢާރަފް ކުރުމަށް މަސައްކަތް ކުރާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެޤައުމުތަކުން އިންސާނީ ހައްޤުތަކުގެ ނަމުގައި އިސްލާމީ މަތިވެރި އުސޫލުތަކާއި އަޤީދާއާ މުޅިން ޚިލާފު ކަންކަން ފެތުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުން ގެންދަވާކަމަށާއި، އެހެންނަމަވެސް އެފަދަކަމަކަށް ފުރުސަރު ނުދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ."އަޅުގަނޑުމެންނަކީ، މުސްތަޤުބަލުދެކެ ބިރުގަންނަ ބަޔަކަށް ވެގެންނުވާނެ. އަޅުގަނޑުމެން ވާންޖެހޭނީ މުސްތަޤުބަލަށް މަގުކޮށައިދޭ، ކުރިއަށް އަންނަން އޮތް ޖީލުތަކަށް، އެ މަގު ތަނަވަސްކޮށްދީ، ޤައުމުގެ މުއްސަނދިކަން އެފަރާތްތަކަށް ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދައިދޭން ތިބި ބަޔަކަށް. ދިވެހިރާއްޖެއަށް ތަރައްޤީ ގެނެވޭނީ، ދިވެހިން ބޭނުންވާ ގޮތެއްގެ މަތިން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގުމުގެ ފުރިހަމަ މިނިވަންކަން ދިވެހިންނަށް ލިބިގެން.ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކޮށްފައިވަނީ، ބޭރުގެ ޤައުމުތަކުގެ ޤާނޫނުތަކާއި އުޞޫލުތަކާއި، އެ ޤައުމުތަކުގެ އިސްތިޤްލާލު ރަނގަޅަށް ދެނެތިބެ، އެ ޤައުމުތަކާއެކު އެކުވެރިކަން ޤާއިމުކޮށް، ގުޅުން ބަދަހިކުރެވޭނެ ގޮތުގެ މައްޗަށް. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޙުރުމަތްތެރިކޮށްހިތާ ކޮންމެ ޤައުމަކާއެކު ރާއްޖެއިން އިސްނަގައިގެން، އެ ޤައުމުތަކާއެކު އެކުވެރިކަން އުފެއްދުމަށާއި، އެއްވެސް ތަފާތުކުރުމެއްނެތި މި ޤައުމުތަކާއެކު އެގުޅުން ދެމެހެއްޓުމުގެ މައްޗަށް."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކޮށްފައިވާނީ އިންސާނީ ހައްޤުތަށް ހިމާޔަންކުރުމަށް ބާރުއަޅާ ގޮތަށް ކަމަށާއި، އެހެންޤައުމުތަކުގެ ޚާރިޖީކަންކަމާއި، ދުނިޔޭގެ ބާރުތަކުގެ މެދުގައި ހިނގާ އަސްކަރީ އަދި ސިޔާސީ ކަންކަމުގައި ބަސް ނުބުނުމުގެ މައްޗަށް ކަމަށެވެ. އެހެން ނަމަވެސް  މިކަންކަމަށް ބެލުމެއްނެތި ރާއްޖެއަކީ ބައެއްކަހަލަ ފިކުރުތަކަށް ތާޢީދު ނުކުރާ ޤައުމެއްކަމަށްބުނެ ބައެއް ޤައުމުތަކުން ރާއްޖޭގެ ޝަރުޢީ ދާއިރާއިން ނިންމާ ކަންކަމާއި، ދާޚިލީ އެކި ކަންމަކުގެ ތެރެއަށް ބާރުފޯރުވަން މަސައްކަތްކޮށް ފިއްތުންތަށް ކުރިމަތި ކުރުވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.ކޮން ޤައުމެއްތޯ، އެ ޤައުމެއްގައި ހިނގާ ވެރިކަމަކީ ޤާނޫނީ ގޮތުން ޞައްޙަ ވެރިކަމެއްތޯ އެހެން ޤައުމަކުން ކަނޑައެޅުމަށް ބޭނުންވާނީ؟ ކޮން ޤައުމަކުންތޯ އެ ޤައުމެއްގެ ޝަރުޢީ ދާއިރާގެ ހުރިހާ މަރުޙަލާތަކެއް ފެއަށް ޖައްސާލާފައި، އެ ޤައުމެއްގައި ހިނގާ މައްސަލަތަކަށް، އެހެން ޤައުމަކުން ޙުކުމް ކަނޑައެޅުމަށް ޖާގަދޭން ބޭނުންވާނީ؟ ޤާނޫނީގޮތުން ޤާއިމުވެފައިވާ ސަރުކާރުގެ ހަމަޖެހުމާއި އިސްތިޤްރާރު ގެއްލުވާލުމަށް މަސައްކަތްކުރާ ފަރާތްތަކަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޙުރުމަތްތެރިކޮށްހިތާ ބައެއް ކަމުގައި ގަބޫލެއް ނުކުރެވޭނެ.ތަރައްޤީވެފައިވާ ޤައުމުތަކުން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އޯގާތެރިކަމުގެ ނަޒަރަކުން ބަލައި، އެ ޤައުމުތަކަށް ފުރުޞަތުތައް ފަހިކޮށްދޭންޖެހޭ ކަމުގައި ޤަބޫލުކުރަން. އަދި އިޤްތިޞާދީގޮތުން މުއްސަނދި ޤައުމުތަކުގެ މަޞްލަޙަތަށް ބުރަވާގޮތަށް ކަންކަން ނިންމުމުގެ މައްޗަށް އިސްކަންދިނުމުގެ ބަދަލުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ހިމެނޭ ތަފާތު ޤައުމުތަކާއި، ތަފާތު ގްރޫޕްތަކުގައި ހިމެނޭ ޤައުމުތަކުގެ ރަޢުޔުތަކަށް ޖާގަދީގެން، ބައިނަލްއަޤްވާމީ ކަންތައްތަކާ ގުޅޭ އުސޫލުތަކާއި މިންގަނޑުތައް އެކަށައަޅައި ކުރިއެރުވުމަކީ، ބައިނަލްއަޤްވާމީ ޞުލްޙަމަސަލަސްކަމަށް އެންމެ ފައިދާހުރި ގޮތް." ރައީސް ޔާމީން ވިދާޅުވިއެވެ.ޤައުމަށް ލިބިފައިވާ މިނިވަންކަން އެންމެ ފުރިހަމައަށް ވަޒަން ކުރެވޭނީ ޤައުމުގައި އިޤުތިޞާދީ ފުދުންތެރިކަން ޤާއިމު ކުރެވިގެންކަމަށާއި، އެކަން ހާސިލް ކުރުމަށްޓަކައި ބޭރުގެ ބޮޑެތި ޤައުމުތަކުގެ ބޮޑެތި އިންވެސްޓަރުން ރާއްޖެއ ޖެނެވޭނެ ގޮތްތަށް ހޯދައި އެފުރުސަރު ފަހިކޮށްދޭންޖެހޭކަމަށްވެސް ރައީސް އަބްދުއްﷲ ޔާމީން ވިދާޅުވިއެވެ."މިއަދު ދިވެހިރާއްޖެއަކީ، ދުނިޔޭގެ އިޤްތިޞާދީ އަދި މާލީ އެތަކެއް ޖަމްޢިއްޔާއެއްގެ މެމްބަރު ޤައުމަކަށްވާއިރު، އިޤްތިޞާދީ ކަންތައްތަކުގެ ތެރެއިން އަޅުގަނޑުމެންގެ މައްޗަށް ބާރާއި ނުފޫޒު ފޯރުވުމުގެ ޙަރަކާތްތައް ހިންގަމުންގެންދާކަމީ އަޅުގަނޑުމެން ހިތާމަކުރާ ކަމެއް. އެހެންކަމުން، އިޤްތިޞާދީގޮތުން ބަރޯސާވުމުގެ ނާޖާއިޒު ފައިދާ، ބާރުގަދަ ނުފޫޒުހުރި ޤައުމުތަކުން ނެގުން ކުޑަކުރުމަށްޓަކައި، އިޤްތިޞާދީ ލާމެހުން އިތުރުކުރަންޖެހޭ. އަދި ކުރިއަރާފައިވާ ޤައުމުތަކުގެ ބޮޑެތި ކުންފުނިތައް ރާއްޖެއަށް ގެނެވޭނެ ގޮތްތައް ހޯދައި، ވިޔަފާރީގެ ސްޓްރެޓީޖިކް އެލަޔަންސްތަކެއް ޤާއިމުކުރުން މުހިންމު. ތަފާތު ގިނަ ޤައުމުތަކުގެ މަލްޓި-ނެޝަނަލް ކުންފުނިތައް ރާއްޖޭގައި ގިނަވުމަކީ، ޤައުމުގެ މިނިވަންކަމަށް އަންނަ ނުރައްކާ އެތައް ގުނައަކުން ކުޑަވެގެންދާނެ ކަމެއް" ރައީސް ޔާމީން ވިދާލުވިއެވެ.މީގެ އިތުރުން އިޤްތިޞާދީ ތަނަވަސްކަން ހޯދައިދީ، އިޖުތަމާޢީ ހަމަޖެހުން ހޯދައި ދިނުމަށްޓަކައި ޒުވާން އާބާދީގެ ބޭނުން އެހެންމެ ފައިދާ ހުރި ގޮތުގައި ބޭނުންކުރެވޭނެ ގޮތްތަށް ތައާރަފް ކުރުން މުހިންމުކަމަށާއި، މުޖުތަމަޢުގެ ކޮންމެ މީހަކީ މުހިންމު މީހެއްކަމަށާއި، އެދި ފަރުދީ ހައިސުއްޔަތުން ލިބެންޖެހޭ ފުރުސަތުތަށް ކޮންމެ ރައްޔިތަށްވެސް ލިބިގެންވާކަމަށް ރައީސް ޔާމީންވިދާޅުވިއެވެ.މިނިވަންދުވަހުގެ ރަސްމީ ދަރުބާރު އެހެންއަހަރުތަކުގައި ދަރުބާރުގޭގައި ބޭއްވިނަމަވެސް މިޖަލްސާ މިއަހަރު ބާއްވާފައިވަނީ އުސްފަސްގަނޑުގައެވެ. މިދަރުބާރުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ނައިބްރައީސް އަހްމަދު އަދީބްއާއި، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކާއި، އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އަބްދުއްﷲ ސައީދާއި، ސިރީލަންކާގެ ރައީސް މައިތިލިޕާލާ ސިރިސޭނާގެ އިތުރުން، ބޭރުޤައުމުތަކުން ދައުވަތުއަރުވައިގެން ވަޑައިގެންނެވި އިއްޒަތްތެރިންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.