ޚަބަރު

ކޯވިޑް-19: ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާ ކުރިއަށްވުރެ އިތުރުކޮށްފި


މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާ ކުރިއަށްވުރެ އިތުރުކޮށްފިއެވެ. މިގޮތަށް އިތުރުކުރީ ކޯވިޑް 19 އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް އެމްއެމްއޭއިން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

ކޯވިޑް 19 އާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރާއި ބޭންކްތަކާއި މާލީ އިދާރާތަކާއި އަދި ކަމާބެހޭ އެންމެހާ ފަރާތްތައް ގުޅިގެން މަރުކަޒީ ބޭންކުން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

އެގޮތުން މިމަސައްކަތްތަކުގެ ދަށުން އެކްސްޗޭންޖް ރޭޓް ދެމެހެޓުމަށްޓަކައި ފޮރިން އެކްސްޗޭންޖް ބާޒާރަށް މިހާރު ފޯރުކޮށްދެމުންދާ ބޭރުފައިސާގެ އަދަދު އިތުރުކުުރުމާއި، އެއޮތޯރިޓީގައި ގާއިމުވެފައިހުރި އެެކިއެކި ވަސީލަތްތައް މެދުވެރިކޮށްް ބޭންކްތަކަށް ބޭރުފައިސާ އިތުރަށް ފޯރުކޮށްދެމުންދާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި ބޭންކްތަކުން ލިކުއިޑިޓީ ބޭނުން ވެއްޖެ ހާލަތެއްގައި، އެއޮތޯރިޓީގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއަޔަރމެންޓް %5 އާ ހަމައަށް ދަށް ކުރާނެކަމަށާއި، މީގެއިތުރުން މާލީ އިދާރާތަކުން ލިކުއިޑިޓީ ބޭނުންވެއްޖެ ހާލަތެއްގައި އެއޮތޯރިޓީން ކުރު މުއްދަތުގެ ލޯނު ފެސިލިޓީއެއް ދެވޭނެ ގޮތް ހަމަޖެއްސުން ހިމެނޭ ކަމަށްވެސް އެމްއެމްއޭއިން މައުލޫމާތުދެއްވައެވެ.

އަދި އެ އޮތޯރިޓީ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން އެމެރިކާ ޑޮލަރު ހޯދުމާއި، އެއޮތޯރިޓީއާއި ސަރުކާރާ ގުޅިގެން އައިއެމްއެފްގެ މާލީ އެހީތެރިކަން ހޯދުންވެސް އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތަކަށް މިއައި ކުއްލި ބަދަލާއި ގުޅިގެން އާންމުކޮށް ޑޮލަރަށް އޮންނަ ޑިމާންޑަށްވުރެ މިހާރު ޑޮލަރަށް އޮންނަ ޑިމާންޑް ދަށްވާނެ ކަމަށް ބެލެވެއެވެ. ވަކިން ޚާއްސަކޮށް ފަތުރުވެރިކަމަށް ބޭނުންވާ މުދާ އެކަށީގެންވާ މިންވަރަކަށް ދަށްވާނެ ކަމަށް ބެލެވޭ ކަމަށާއި މިކަމުގެ ސަބަބުންވެސް ޑޮލަރުގެ ޑިމާންޑް ދަށް ވާނެ ކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.

މީގެ އިތުރުން އެމްއެމްއޭ އާއި ސަރުކާރާއި ބޭންކުތަކާއި މާލީ އިދާރާތައް ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިމްޕޯޓަށް ބޭނުންވާ މިންވަރަށް ޑޮލަރު ހުންނާނެކަން އެމްއެމްއޭއިންވަނީ ހާމަކުރައްވާފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ޔޫސަބަލް ރިޒާވް ހުރީ 277 މިލިއަން ޔޫއެސް ޑޮލަރުގައި ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.