ޚަބަރު

އިސްތިޢުމާރީ ނުފޫޒުތަކުން އެއްކިބާވެ ތިބެންޖެހޭ


އެންމެ އިސް ވާޖިބަކަށްވާންވީ، ފުރިހަމަ މިނިވަންކަމާއެކު ބޭރުގެ އެންމެހައި އިސްތިޢުމާރީ ނުފޫޒުތަކުން އެއްކިބާވެ ތިބެ، ދީމިޤްރާތީ ޖުމްހޫރިއްޔާއެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ޤައުމު ވާޞިލުކޮށްދިނުން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރަންޔޫބީލް މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާއި މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.ރައީސުލް ޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ތާރީޚުން ހެކިދޭގޮތުގައި، ރާއްޖޭގެ މިނިވަންކަމަށް ގުޑުންއެރި ކޮންމެ ފަހަރަކުމެ، އެކަމެއް ކުރިމަތިވެފައިވަނީ، ހަމައެކަނި ސިޔާސީ މަންފާއެއް ލިބިގަތުމަށް ސިޔާސީ ފިކުރެއްގެ ތެރެއިން އުފެދިގެން އައި ކަންތައްތަކަކުން ނޫންކަމަށާއި، ދާޚިލީ މައްސަލަތައް ވަކިގޮތަކަށް ޙައްލުކުރުމަށް ބޭރުގެ ފަރާތްތަކުން އެހީތެރިކަން ހޯދުމުގައި، އޭރުގެ ބޮޑުން ޢަމަލުކޮށްފައިވާ ގޮތްތަކުންވެސް ޤައުމުގެ ސިޔާދަތާއި މިނިވަންކަމަށް ލޮޅުންއަރާފައިވާކަން ތާރީޚު ހެކިދޭކަމަށެވެ.އަދި ޤައުމަކަށް ލިބިފައިވާ މިނިވަންކަމުގެ އަގު އެންމެ ފުރިހަމައަށް ވަޒަންކުރެވޭނީ، އެޤައުމެއްގައި އިޤްތިޞާދީ ފުދުންތެރިކަން ޤާއިމުކުރެވި، އެކަމުގެ މަންފާ، ޤައުމުގެ އެންމެހައި ރައްޔިތުންނަށް ލިއްބައިދެވިގެންކަމަށްވެސް ރައީސް ޔާމީން ވިދާލުވިއެވެ."ޝައްކެއްނެތްގޮތުގައި، ޤައުމެއްގައި އިޖުތިމާޢީ ހަމަޖެހުން ޤާއިމުކޮށް، އިޖުތިމާޢީ ގޮތުން ރައްޔިތުން ބާރުވެރިކޮށް، އުފާފާގަތި ދިރިއުޅުމެއް ރައްޔިތުންނަށް ކަށަވަރު ކޮށްދެވޭނީ އިޤްތިޞާދީ ފުދުންތެރިކަން ރައްޔިތުންނަށް ހޯދައިދެވިގެން" ރައީސް ޔާމީން ވިދާޅުވިއެވެ.ރައީސްގެ ވާހަކަފުޅުގައި މިއަދު ދިވެހިރާއްޖެއަކީ، ދުނިޔޭގެ އިޤްތިޞާދީ އަދި މާލީ އެތަކެއް ޖަމްޢިއްޔާއެއްގެ މެމްބަރު ޤައުމަކަށްވާއިރު، އިޤްތިޞާދީ ކަންތައްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ މައްޗަށް ބާރާއި ނުފޫޒު ފޯރުވުމުގެ ޙަރަކާތްތައް ހިންގަމުންގެންދާކަމީ ހިތާމަކުރާ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި އެހެންކަމުން، އިޤްތިޞާދީގޮތުން ބަރޯސާވުމުގެ ނާޖާއިޒު ފައިދާ، ބާރުގަދަ ނުފޫޒުހުރި ޤައުމުތަކުން ނެގުން ކުޑަކުރުމަށްޓަކައި، އިޤްތިޞާދީ ލާމެހުން އިތުރުކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.މީގެ އިތުރުން ކުރިއަރާފައިވާ ޤައުމުތަކުގެ ބޮޑެތި ކުންފުނިތައް ރާއްޖެއަށް ގެނެވޭނެ ގޮތްތައް ހޯދައި، ވިޔަފާރީގެ ސްޓްރެޓީޖިކް އެލަޔަންސްތަކެއް ޤާއިމުކުރުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތަފާތު ގިނަ ޤައުމުތަކުގެ މަލްޓި-ނެޝަނަލް ކުންފުނިތައް ރާއްޖޭގައި ގިނަވުމަކީ، ޤައުމުގެ މިނިވަންކަމަށް އަންނަ ނުރައްކާ އެތައް ގުނައަކުން ކުޑަވެގެންދާނެ ކަމެއްކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ." އާދެ! ޤައުމުގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒުވާން އާބާދީގެ ބޭނުން ޤައުމަށް އެންމެ ފައިދާހުރި ގޮތުގައި ހިފޭނެ ގޮތްތަކެއް ފަހިކޮށްދިނުން މުހިންމު. ތަޢުލީމާއި، ބޯހިޔާވަހިކަމާއި، ވަޒީފާގެ ފުރުޞަތުތައް، އެފަރާތްތަކަށް ތަނަވަސްކޮށްދީ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ވިސްނުމުން އާބާދީގެ މަރުކަޒުތަކެއް އާރާސްތު ކުރަންޖެހޭ." ރައީސް ޔާމީން ވިދާޅުވިއެވެ.ދުނިޔޭގެ ބާރުގަދަ ޤައުމުތަކުންނާއި، އެޤައުމުތަކާ ގުޅިފައިވާ ބައެއް ޤައުމުތަކުން އިންސާނީ ޙައްޤުތަކުގެ ނަމުގައި އިސްލާމީ މަތިވެރި އުސޫލުތަކާއި ޢަޤީދާއާ ޚިލާފު ކަންކަން ފެތުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތައް އުފައްދައި، އެ ފިކުރުތަކާއި ޘަޤާފަތް ފެތުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މިފަދަ ޙަރަކާތްތަކަށް ޤައުމުތަކުން ފުރުޞަތު ނުދިނުމުން، އިޤްތިޞާދީ ގޮތުންނާއި ސިޔާސީގޮތުން އެ ޤައުމުތަކަށް ފިއްތުންތައް ކުރިމަތިކުރަމުން އަންނަ ކަމަށެވެ."އަޅުގަނޑުމެންނަކީ، މުސްތަޤުބަލުދެކެ ބިރުގަންނަ ބަޔަކަށް ވެގެންނުވާނެ. އަޅުގަނޑުމެން ވާންޖެހޭނީ މުސްތަޤުބަލަށް މަގުކޮށައިދޭ، ކުރިއަށް އަންނަން އޮތް ޖީލުތަކަށް، އެ މަގު ތަނަވަސްކޮށްދީ، ޤައުމުގެ މުއްސަނދިކަން އެފަރާތްތަކަށް ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދައިދޭން ތިބި ބަޔަކަށް. ދިވެހިރާއްޖެއަށް ތަރައްޤީ ގެނެވޭނީ، ދިވެހިން ބޭނުންވާ ގޮތެއްގެ މަތިން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގުމުގެ ފުރިހަމަ މިނިވަންކަން ދިވެހިންނަށް ލިބިގެން." ރައީސް ޔާމީން ވިދާޅުވިއެވެ.ރައީސް ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކޮށްފައިވަނީ، ބޭރުގެ ޤައުމުތަކުގެ ޤާނޫނުތަކާއި އުޞޫލުތަކާއި، އެ ޤައުމުތަކުގެ އިސްތިޤްލާލު ރަނގަޅަށް ދެނެތިބެ، އެ ޤައުމުތަކާއެކު އެކުވެރިކަން ޤާއިމުކޮށް، ގުޅުން ބަދަހިކުރެވޭނެ ގޮތުގެ މައްޗަށް ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޙުރުމަތްތެރިކޮށްހިތާ ކޮންމެ ޤައުމަކާއެކު ރާއްޖެއިން އިސްނަގައިގެން، އެ ޤައުމުތަކާއެކު އެކުވެރިކަން އުފެއްދުމަށާއި، އެއްވެސް ތަފާތުކުރުމެއްނެތި މި ޤައުމުތަކާއެކު އެގުޅުން ދެމެހެއްޓުމުގެ މައްޗަށް ކަމަށެވެ." ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކާއެކު ރާއްޖެއިން އެކުވެރިކަން އުފެއްދުމުގެ އަސާސް ބިނާވެފައި އޮންނަނީ، އެފަދަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޙުރުމަތްތެރިކޮށްހިތާ ބައެއް ކަމުގައިވުމުގެ މައްޗަށް. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތެރޭގައި، ދުނިޔޭގެ ބާރުތަކުގެ މެދުގައި ހިނގާ ޢަސްކަރީ، ސިޔާސީ އަދި ޖިއޯ ޕޮލިޓިކްސް ވާދަވެރިކަމުގެ ތެރެއަށް ނުވަނުމާއި، ބައިނަލްއަޤްވާމީ ދާއިރާގައި ޙައްޤާއި އިންޞާފުގެ އަޑު އުފުލުމާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތް ކުރުން ހިމެނޭ." ރައީސް ޔާމީން ވިދާޅުވިއެވެ.