ޚަބަރު

އޭޕްރީލް 6 އިން 9 އަށް އެމްއެންޑީއެފުން އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދަނީ


އަންނަ މަހުގެ ހަޔަކުން ނުވަޔަކަށް ހުޅުލޭގެ އިރުމަތީ ފަރާތާ ދިމާ ބޭރުގައި އެމްއެންޑީއެފުން އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދަން ނިންމާފައިވާތީ އެސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސް ކުރައްވައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ އޭޕްރީލް ހަޔަކުން ނުވަ ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހަކު ހެނދުނު ހަޔަކުން އިރުއޮއްސި ހަޔެއް ޖަހަންދެން މިތަމްރީން ކުރިއަށް ގެންދާނެ ކަމަށެވެ.

މިތަމްރީންގައި ހުޅުލޭގެ އިރުމަތީ ފަރާތުން 07 މޭލު ބޭރުގައި އެމްއެންޑީއެފުން ބަޑިޖަހާނެއެވެ.

ތަމްރީންގައި މެޝިންގަން ފަޔަރިން ބޭނުންކުރާނެއެވެ. އެގޮތުން ވައިގެ ސަރަހައްދު ބޭނުންކުރެވޭނެ އެންމެ ދުރުމިނަކީ 5000 މީޓަރު ކަމަށާއި އެންމެ އުސްމިނަކީ 100 މީޓަރު ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މަޢުލޫމާތުދެއްވައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މިތަމްރީންތައް ހިނގަމުންދާ ދުވަސްވަރު ހުޅުލޭގެ އިރުން ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދީގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފުން ކުރިއަށްގެންދާ މި ފަދަ ތަމްރީން ޕްރޮގްރާމުތަކަކީ ސިލްސިލާކޮށް އާންމުކޮށްވެސް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމުތަކެކެވެ.