ޚަބަރު

9 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީކާ ކޯޓުން ދޫކޮށްލައިފި


ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 9 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ގދ.ހޯނޑެއްދޫ، އަލޯރާ އަރުޝަދު ޚާލިދު ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުން އޭނާގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވީ މިއަހަރުގެ ޖެނުއަރީ މަހުގެ 30ވަނަ ދުވަހުއެވެ. ފުލުހުންގެ ޑްރަގް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގދ.ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުކުރީ އޭނާ އިތުރު ބަޔަކާއި ގުޅިގެން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައެވެ.

މިމައްސަލައިގެ ތަހްޤީގް ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވުމުން މިމައްސަލާގައި އޭނާގެމައްޗަށް މިއަދުގެ ވަގުތެއްގައި ޑައަމޯފިން ޓްރެފިކްކުރުމުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށައެޅުމަށް ނިންމާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އަރުޝަދު ޚާލިދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު 12:00ގައި ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން ޝަރުޠުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލާފައިވަކަމަށް ފުލުހުން ހާމަކުރައްވައެވެ. މިމައްސަލާގައި ހިމެނޭ ގދ.ހޯނޑެއްދޫ، އިރުމަތީގޭ އަޙްމަދު ސުނައިނާއި ގދ.ހޯނޑެއްދޫ، މެޑްރިޓްހައުސް، އަޙްމަދު ޤިޔާސާއި ގދ.ހޯނޑެއްދޫ ގުލޭނޫރަންމާގޭ، ޢަލީ ޒުބައިރު، ރިމާންޑް ޖަލެއްގައި 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން މަޢުލޫމާތުދެއްވާގޮތުގައި މިމައްސަލާގައި ވަނީ 09 ކިލޯއަށްވުރެ ގިނަ ހެރޮއިންއާއި 04 ގްރާމް އަށް ވުރެ ގިނަ ކޮކެއިން އަތުލައިގެންފައެވެ. އަދި މިމައްސަލާގައި ކުށުގެ ވެށިން ގިނައަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން މިމައްސަލާގައި ހިމެނޭ އަރުޝަދު ޚާލިދުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކުގައިވާ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ފުލުހުންގެ ތަހްޤީޤަށް ތުހުމަތުކުރެވޭތީ ކްރިމިނަލް ކޯޓް އަމުރެއްގެ ދަށުން އެފައިސާ ވަނީ ފްރީޒްކޮށްފައެވެ. މިމައްސަލާގައި ގާތްގަޑަކަށް 4.6 މިލިއަން ރުފިޔާ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.