ކޯވިޑް-19ގެ ސަބަބުން މުދާ އިމްޕޯޓުކުރާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އެމްޕީއެލްއިން ލުއިތަކެއް ހަމަޖައްސައިދީފިއެވެ.
އެމްޕީއެލްއިން ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތަކާއެކު ވިޔަފާރިތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ކުޑަކުރުމުގެ ގޮތުން ވިޔަފާރިވެރިންނަށް ޚާއްސަ ލުއިތަކެއް ދިނުމަށް އެކުންފުނިން ނިންމާފައިވާކަމަށެވެ.
އެގޮތުން 30 މާޗުން ފެށިގެން 30 ޖޫންގެ ނިޔަލަށް އެމްޕީއެލްއިން ނަގާ ބައެއް ފީތައް ކުޑަކޮށް މުދާ ގުދަންކުރުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.
މީގެތެރޭގައި މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލޭ ޓަރމިނަލްއިން ކްލިއަރ ކުރާ މުދަލުން ނަގާ ސްޓޯރޭޖް ފީ ނުވަތަ ޑެމަރޭޖް ފީ %20 އަށް ދަށްކުރުމާއި ކުޅުދުއްފުށްޓާއި ހިތަދޫ ބަނދަރުން ނަގާ ސްޓޯރޭޖް ފީ %50 އަށް ކުޑަކުރުން ހިމެނެއެވެ. އެމްޕީއެލްއިން ވިދާޅުވީ މި ޑިސްކައުންޓުތައް މި ބަނދަރުތަކުގައި މިހާރު ހުރި މުދަލުން ވެސް ލިބޭނެކަމަށެވެ.
މީގެ އިތުރުން ބޮންޑެޑް ވެއަރހައުސްތަކުގެ ލައިސަންސް ފީ %50 އަށް ކުޑަކުރުމާއި ހިލޭ މުދާ ބެހެއްޓޭ މުއްދަތު 2 ދުވަހަށް އިތުރުކޮށްދިނުމަށްވެސް އެމްޕީއެލްއިން ވަނީ ނިންމާފައެވެ. މުދާ ކޮންޓެއިނަރުތައް އެމްޕީއެލްގެ ސްޓޯރޭޖްތަކުގައި ހިލޭ ބެހެއްޓޭނީ އާންމުގޮތެއްގައި 10 ދުވަހުގެ މުއްދަތަކަށެވެ.
އެހެންނަމަވެސް 30 ޖޫންގެ ނިޔަލަށް މުދާ ކޮންޓެއިނަރުތައް 12 ދުވަހުގެ މުއްދަތަކަށް ހިލޭ ބެހެއްޓޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ. މިގޮތަށް ހަމަޖައްސާފައިވަނީ މިހާރު ބަނދަރަށް ބާލާފައިވާ ކާގޯގެ ތެރެއިން މިއަދާ ހަމައަށް ކްލިއަރ ނުކޮށް ހުރި މުދަލާއި މިއަދުން ފެށިގެން 30 ޖޫންގެ ނިޔަލަށް ރާއްޖެ އިމްޕޯޓް ކުރާ ކާގޯއަށެވެ.
އެހެންނަމަވެސް މުދާ ބަނދަރަށް ބޭލި ފަހުން 15 ދުވަހަށްވުރެ ގިނަ ދުވަސްނުވާ މުދަލަށް އިތުރު 3 ދުވަސް ފްރީސްޓޯރޭޖް ގެ ގޮތުގައި ލިބޭނެކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.
މީގެ އިތުރުން ސްޓޯރޭޖް ފައިސާ އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 1 އޭޕްރީލް އިން ފެށިގެން 30 ޖޫން އާ ދެމެދު ސޮއިކުރާ އެއްބަސްވުންތަކަށް ފައިސާ ދެއްކުމަށްދޭ 4 މަހުގެ ބަދަލުގައި 6 މަސް ދުވަސް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މިހާރު ހަދާފައިވާ އެއްބަސްވުންތަކަށް ދައްކަންޖެހޭ ފައިސާވެސް ޖޫން މަހުން ފެށިގެން ދައްކާގޮތަށް ބަދަލުކޮށްފައިވާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.