ވިޔަފާރި

ރިޒޯޓުތަކުން މުސާރަ ނުލިބޭ ގޮތަށް 11،000 މުވައްޒަފުން ފޮނުވާލާފައިވޭ - ޓީމް


ރާއްޖޭގެ އެކި ރިޒޯޓްތަކުން މިހާތަނަށް 11،000 އެއްހާ މުވައްޒަފުން މުސާރަ ނުލިބޭގޮތަށް ފޮނުވާލާފައިވާކަމަށް ޓުއަރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޓީމުން ހާމަކޮށްފިއެވެ.

ކޯވިޑް-19 ފެތުރުނަނުދީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސަރުކާރުން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާފައިވާއިރު މީގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ މުޅިން ހެން މެދުކެނޑިފައެވެ. މިއާއެކު ޓޫރިޒަމް އިންޑަސްޓްރީއަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބި ބައެއް ރިޒޯޓްތަކުން ދަނީ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަޒީފާއިން ވެސް ވަކި ކުރަމުންނެވެ.

ޓުއަރިޒަމް އިންޑަސްޓްރީގައި ޙަރަކާތްތެރިވާ މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ވަކާލާތު ކުރާ ޖަމިއްޔާ، ޓީމުން ބުނީ ކޯވިޑް-19 އާއި ގުޅިގެން ރިޒޯޓްތަކުން މުވައްޒަފުން ވަކިކޮށް، މުސާރައިން ބައެއް އުނިކުރުމުގެ އިތުރުން ބައެއް މުވައްޒަފުން ނޯޕޭއަށް ފޮނުވާލަމުންދާތީ މިފަދަ ގިނަ މައްސަލަތަކެއް އެ ޖަމިއްޔާއަށް ލިބެމުންދާކަމަށާއި މި މައްސަލަތައް ކަމާއި ބެހޭ އިދާރާތަކާއި ހިއްސާކޮށްފައިވާކަމަށެވެ.

ޓީމުން ބުނީ މިހާތަނަށް 79 ރިޒޯޓަކުން މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ނޯޕޭއަށް ފޮނުވާލާފައިވާކަމަށެވެ. އެގޮތުން 11،000 އެއްހާ މުވައްޒަފުން ނޯޕޭގައި ތިބިކަމަށް ޓީމުން ވަނީ ހާމަކޮށްފައެވެ.

ޓީމުން ބުނީ މި މުވައްޒަފުން ނޯޕޭގައި ތިބުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި މިކަމަށް ކަމާއި ބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަންޖެހޭކަމަށެވެ. އަދި ރިޒޯޓްތަކުން މިގޮތަށް ފިޔަވަޅު އަޅާނަމަ އެޖަމިއްޔާއަށް ރިޕޯޓުކުރުމަށް ޓީމުން ވަނީ އެދިފައެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތާ ގުޅިގެން ގިނަ ފަރާތްތަކުން ދަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަމުންނެވެ.

މޯލްޑިވްސް ލޭބަރ ރިލޭޝަންސް އޮތޯރިޓީންވެސްވަނީ ބައެއް ފަރާތްތަކުން މުވައްޒަފުންގެ ކަންކަން ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން މިދަނޑިވަޅުގައި މުވައްޒަފުންގެ ވަޒީފާއާގުޅުންހުރި ކަންކަން ނިންމެވުމުގެ ކުރިން އެ އޮތޯރިޓީއާއި އެކު މަޝްވަރާކުރެއްވުމަށާއި އެއްވެސް މުވައްޒަފަކާމެދު ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ލޭބަރ އޮތޯރިޓީން ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި 01 މާރިޗު 2020 އިން ފެށިގެން ވަޒީފާދޭ އެއްވެސް ފަރާތަކުން، މުވައްޒަފެއްގެ ވަޒީފާގެ ޙާލަތަށް ބަދަލެއް ގެނެސްފައިވާނަމަ، އެފަރާތްތަކުން އެކަންކަން ނިންމެވިގޮތުގެ ތަފްޞީލު އަންނަ މަހުގެ 15 ގެ ކުރިން ހިއްސާކުރެއްވުމަށްވެސް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވިދާޅުވީ މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން، ސަރުކާރުން ލޯނު ދޫކުރުމާއި އެނޫންވެސް ލުއިތައް ވިޔަފާރިކުރާ ފަރާތްތަކަށް ހަމަޖެއްސުމަށް ނިންމާފައިވާކަމަށެވެ.

އަދި މި ލުއިތައް ދިނުމުގައި މުވައްޒަފުންގެ ޙައްޤުތައް ފުރިހަމަޔަށް އަދާކުރާ ފަރާތްތަކަށް ސަރުކާރުން އިސްކަން ދެއްވާނެކަމަށްވެސް ލޭބަރ އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ޙާލަތާއި ގުޅިގެން ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ވަނީ ޚާއްސަ ފައިނޭންޝިއަލް ޕެކޭޖްތަކެއް ވެސް ތަޢާރަފްކޮށްފައެވެ.