ޚަބަރު

އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައެއް ބަލަނީ


އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އުތުރުގެ ރަށެއްގައި އުމުރުން 14 އހަރުގެ އަންހެން ކުއްޖަކަށް އެ ކުއްޖާގެ ބައްޕަ ޖިންސީ އަނިޔާއާއި ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާކުރާ ކަމުގެ މައްސަލަ މިމަހުގެ 28 ވަނަ ދުވަހު ފުލުހަށް ހުށައަޅާފައިވާކަމަށެވެ.

އަދި މި މައްސަލަ އާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 40 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ ތަޙްޤީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކަކީ ފުލުހުން ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެކެވެ. އަދި މިފަދަ މައްސަލަތަކުގައި ކުއްޖާގެ ރައްކާތެރިކަމަށްޓަކައި ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރުމަށް ނިންމާފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، ޖިންސީ އަނިޔާކުރާ މައްސަލަތައްދަނީ ފެންމަތިވަމުންނެވެ.

އެގޮތުން އެންމެ ގިނައިން މައްސަލަތައް ފެންމަތިވާން ފެށީ ދެކުނު ރަށެއްގައި 2 އަހަރުވެސް ނުވާ ތުއްތުކުއްޖަކަށް އެކުއްޖާގެ އާއިލާގެ ޒިންމާދާރު މަޤާމުތަކެއްގައި ތިބި ބަޔަކު ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވި ހިސާބުންނެވެ.