ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 13 މީހަކު ރަނގަޅުވުމަކީ ލިބިގެންދިޔަ ވަރަށްބޮޑު އުންމީދެއް ކަމަށާ، ދުޢާޔަކީ ބަލީގައި މިވަގުތު ފަރުވާ ހޯދަމުންދާ 2 ދިވެހިންނަށް އަވަސް ޝުފާއެއް މިންވަރު ކުރެއްވުންކަމުގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކް ވިދާޅުވީ ކޯވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 13 މީހަކު ރަނަގަޅުވުމަކީ ރާއްޖެއިން މިބައްޔާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ވަރަށްބޮޑު އުންމީދަކާއި ހިތްވަރެއް ލިބިގެން ދިޔަކަމެއްކަމަށެވެ.
ދުނިޔޭގައި ހަލުވިކަމައިއެކު ބަލި ފެތުރެމުންދާއިރު ރާއްޖެއިންވެސް މިބައްޔާ ދެކޮޅަށް ހަރުކަށި ފިޔަވަޅުއަޅައި ކާމިޔަބީތަކެއް ލިބޭކަމަށް މަބުރޫކް ވިދާޅުވިއެވެ. އަދި މިއަދު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި 13 މީހުން ބަލިން މުޅިން ރަނގަޅުވުމަކީ ލިބުނު ވަރަށްބޮޑު ހިތްވަރެއްކަމަށެވެ.
މަބުރޫކް ވިދާޅުވީ މިކަމުން ދިވެހި ޑޮކްޓަރުންގެ ޓީމުގެ ޤާބިލްކަމާއި އެބޭފުޅުން ކުރެއްވި މަސައްކަތުގެ ނަތީޖާ ރައްޔިތުންނަށް ފެންނަކަމަށެވެ. އަދި މިކަމުގައި ޑޮކްޓަރުން ސާބިތު ކޮށްދެއްވި ހިތްވަރާއި ސާބިތުކަމަކީ ބައްޔާދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ އިތުބާރު ބޮޑުވެގެން ދިޔަކަމެއްކަމަށެވެ.
މަބުރޫކްވަނީ މިހާތަނަށް ރާއްޖޭގައި ކޯވިޑް-19އާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފާސްހިސާބުތައްވެސް ހާމަކޮށްފައެވެ. އެގޮތުން މިހާތަނަށް ޖުމްލަ 922 ސާމްޕަލްނެގި 899 ސާމްޕަލް ނެގެޓިވް ވެފައިވާކަމަށެވެ. 17 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، 6 ސަމްޕަލެއްގެ ނަތީޖާ ލެބޯޓްރީގައި ވާކަމަށް މަބުރޫކް ވިދާޅުވިއެވެ.
ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުރެގެން އައިސޮލޭޝަން ފެސިލިޓީސްޓަކުގައި މިހާތަނަށް 21 މީހަކު ބައިތިއްބާފައިވާއިރު އޭގެ ތެރެއިން 18 މީހަކު ތިބީ ވެލިދޫގައެވެ. 3 މީހަކު ބައިތިއްބާފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގައެވެ. ކަރަންޓީން ފެސިލިޓީސްތަކުގައި މިވަގުތު 868 މީހަކު ތިބިކަމަށް މަބުރޫކް ވިދާޅުވިއެވެ.