ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ސްކޫލް ކުދިންނާއި ޓީޗަރުންނަށް ލުޔެއް ދިނުމުގެގޮތުން އެމީހުންނަށް ހިލޭ މޮބައިލް ޑޭޓާ ޕެކޭޖެއް ދޭން ދިރާގުން ނިންމައިފިއެވެ.
އެކުންފުނިން މިގޮތަށް ނިންމާފައިވަނީ ސްކޫލްތަކާއި ކޮލެޖްތަތައް ބަންދުކޮށްފައިވުމުން، ދިރާގުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ގުޅިގެން އިންޓަނެޓްގެ ޒަރިއްޔާއިން ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިތުރު ލުޔެއް ދިނުމުގެ ގޮތުންނެވެ.
މިދުވަސްވަރު ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފައިވުމުން، ގޭގައި ތިބެގެން، ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިންޓަނެޓްގެ ޚިދުމަތް ދަރިވަރުންނާއި ޓީޗަރުންނަށް މިވަނީ ވަރަށް މުހިންމުވެފައެވެ.
، މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންގެ ކިޔެވުން މެދުނުކެނޑޭނެހެން، ވަރޗުއަލް ކްލާސްރޫމްތަކާއި، އީ-ލަރނިންގފަދަ ރިމޯރޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތަށް ފަސޭހަކަމާއެކު ބޭނުންކުރުން މަގުފަހިކޮށް ކިޔަވާކުދިންނާއި ޓީޗަރުންނަށް ލުއިފަސޭހަކޮށްދިނުމުގެގޮތުން ދިރާގުން ހިލޭ ފޯރުކޮށްދޭ މި 5ޖީބީ މޮބައިލް ޑޭޓާ ޕެކޭޖް، 30 ދުވަހުގެ މުއްދަތަށް ދޭން ދިރާގުންވަނީ ނިންމާފައެވެ.
މި ޑޭޓާ ޕެކޭޖް ލިބޭނީ އެޑިއުކޭޝަން މިނިސްޓްރީން ދިރާގަށް ހިއްސާ ކޮށްފައިވާ ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް، މަމެން އަދި އެހެނިހެން ދިރާގު މޮބައިލް ޚިދުމަތް ގެންގުޅުއްވާ ދަރިވަރުންނާއި ޓީޗަރުންނަށެވެ.
ކޯވިޑް-19އާ ގުޅިގެން ދިރާގުން ދަނީ ރިމޯޓް އެޑިއުކޭޝަން މަގުފަހިކޮށްދިނުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. ދަރިވަރުންނަށާއި ޓީޗަރުންނަށް ދޭ 30 ދުވަހަހުގެ ހިލޭ ޑޭޓާ އަކީވެސް މިގޮތުން ދިރާގުން މަގުފަހިކޮށްދިން އިތުރު ލުޔެކެވެ. މީގެ އިތުރުން، ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް އިތުރު ޑޭޓާއާއި ޑިސްކައުންޓްސް ވަނީ ދީފައިއެވެ. އަދި ހަމައެއާއެކު، ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30 އިތުރު ޑޭޓާ މާރިޗު މަހުގައި ދީފައިވެއެވެ. އަދި މިއަންނަ މަހުވެސް މި ލުއިދޭން ވަނީ ނިންމާފައިއެވެ.
މީގެ އިތުރުން، ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑްގެ ހުރިހާ އެޑް-އޮންތަކަކުންވެސް %50 ޑިސްކައުންޓް ދީ، ހިލޭ 10ޖީބީ ވެސް ވަނީ ދީފައެވެ.