ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރުފުރޭ ރަންޔޫބީލް މުނާސަބަތާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ބާއްވާ ރަސްމީ ދަރުބާރުގައި ބައިވެރިވެވަޑައިގަތުމަށް ސްރިލަންކާގެ ރައީސް މައިތިރަޕާލާ ސިރިސޭނާ ރާއްޖެ ވަޑައިގެންފިއެވެ.
އެމަނިކުފާނު ރާއްޖެވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ދަޢުވަތަކަށް މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
ސްރީލަންކާގެ ރައީސަށް އިބްރާހީމް
ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ
ނައިބު އަހުމަދު އަދީބާއި ޚާރިޖީވަޒީރު ދުންޔާ މައުމޫންގެ އިތުރުން ބައެއް ވަޒީރުންނާއި
ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްބޭފުޅުންނެވެ.ސްރީލަންކާގެ ރައީސް
މާލެވަޑައިގަތުމުންވެސް އެމަނިކުފާނަށް މާލެއިންވެސްވަނީ ވަރަށް ހޫނު މަރުހަބާއެއް
ދަންނަވާފައެވެ. ސްރީލަންކާގެ ރައީސަށް މާލެއިން މަރުހަބާ ވިދާޅުވީ
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާއި ވަޒީރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ
އިސްބޭފުޅުންނެވެ. ސްރީލަންކާގެ ރައީސަށް މަރުހަބާ ދެންނެވުމަށް މާލޭގައި ބޭއްވި
ރަސްމިއްޔާތުގައި ހަތްބަޑީގެ ސަލާމެއްވެސް އެރުވުނެވެ. އަދި އެމަނިކުފާނަށް ޝަރަފްގެ
އޮނަގާޑެއްވެސްވަނީ އަރުއްވާފައެވެ. މަރުޚަބާ ދެންނެވުމުގެ ހަރަކާތަށްފަހު، ސްރިލަންކާގެ ރައީސް ވަނީ ރައީސް އޮފީހުގައި ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އެއަށްފަހު ސިރިސޭނާ ވަނީ ރައީސް ޔާމިންއާއި އެމަނިކުފާނުގެ ކެބެނެޓްގެ ވަޒީރުންނާއި ބައްދަލުކުރައްވާ، މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
ސިރިސޭނާގެ މި ދަތުރުފުޅަކީ އެމަނިކުފާނު ލަންކާގެ ރައީސްކަމުގެ ހުވާކުރެއްވިފަހުން، ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ސިރިސޭނާ ލަންކާގެ ރައީސްކަމުގެ ހުވާކުރައްވާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ނުވަވަނަ ދުވަހުއެވެ. އަދި އެމަނިކުފާނަކީ ސްރިލަންކާގެ ހަތްވަނަ ރައީސެވެ. އަދި އެޤައުމުގެ މެދުދެކުނު ޕްރޮވިންސްއަކުން އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ ރައީސްވެސްމެއެވެ.
ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރުފުރުން ފާހަގަކުރަމުންދާއިރު، މިއަހަރަކީ ދިވެހިރާއްޖެއާއި ލަންކާއާއިދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާވެސް ފަންސާސް އަހަރު ފުރޭ އަހަރެވެ. އަދި ރައްޖެއަށް ސިޔާސީގޮތުން މިނިވަކަން ލިބުނު ތާރީޚީ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުވެސް ބޭއްވިގެންދިޔައީ އަވަށްޓެރި ސްރިލަންކާގައެވެ.