ޚަބަރު

މާލެ ސަރަޙައްދުގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ނިމިއްޖެ - ސިޓީ ކައުންސިލް


މާލޭ ސަރަޙައްދުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވީ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ މާލެ 16 ބްލޮކަކަށް ބަހާލައިގެންކަމަށެވެ.

އެގޮތުން މާލޭގެ 16 ބްލޮކުން އެއްކުރި މަޢުލޫމާތާއި، ވިލިމާލެއާއި ހުޅުމާލޭގައި ދިރިއުޅެމުންދާ ބިދޭސީންނާގުޅޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިިފައެވެ. މި މަސައްކަތުގެދަށުން މީހާގެ ފުރިހަމަ މަޢުލޫމާތާއި، މީހާ ދިރުއުޅޭތަނާއި ޚިދުމަތްތައް ހޯދާ ތަންތަނުގެ މަޢުލޫމާތު އެއްކޮށްފައިވެއެވެ. އަދި އެމީހުންނަށް ގުޅޭނެ ފޯނު ނަންބަރުތައްވެސް ވަނީ ހޯދާފައެވެ.

މި މަސައްކަތަކީ މިފަދަ ތަނެއްގައި ދިރިއުޅޭ ބިދޭސީއަކަށް ކޯވިޑް-19 ޖެހިއްޖެނަމަ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް ފަސޭހަކުރަން އެއްކުރާ މަޢުލޫމާތެވެ.

މާލޭ މޭޔަރު ޝިފާ ވިދާޅުވީ މިހާރު ކުރަމުންދަނީ މި މަޢުލޫމާތުތައް ކޮމްޕިއުޓަރައިޒްކުރުމުގެ މަސައްކަތްކަމަށެެވެ. މިސަރވޭގައި އެއްކުރި މަޢުލޫމާތުގެ ތަފްސީލް މޭޔަރ ޙިއްސާކުރައްވާފައެއް ނުވެއެވެ. ޝިފާ ވިދާޅުވީ މި މަޢުލޫމާތުތައް މާދަމާ އިކޮނޮމިކް މިނިސްޓްރީއާ ޙިއްސާ ކުރައްވާނެކަމަށެވެ.

މަޢޫލޫމާތު އެއްކުރުމުގެ މަސައްކަތުގެދަށުން ހުއްދަތަކާއިއެކު ރާއްޖޭގައި އުޅެމުންދާ މީހުންނާއި، އަދި ލިޔެކިޔުންތައް ނެތް މީހުންވެސް ދެނެގަނެވިފައިވާކަމަށް ޝިފާވަނީ ވިދާޅުވެފައެވެ.

ބިދޭސީން ދިރިއުޅޭ ތަންތަނަކީ ޢާއްމުކޮށް ގިނަ ޢަދަދެއްގެ ބިދޭސީން އެއްތަނެއްގައި ދިރިއުޅެމުންދާ ތަންތަނެވެ. މާލެ ސަރަޙައްދުގައި އުޅޭ ބިދޭސީންގެ ޢަދަދު ލައްކައަކާ ގާތްކުރެއެވެ. އަދި ނަގަންޖެހޭ ހުއްދަތައް ނުނަގާ އުޅޭ ބިދޭސީންގެ މުޅި ރާއްޖެއަށް ބަލާއިރު 60،000އަށްވުރެ މައްޗައް އަރަައެވެ.