ޚަބަރު

ކޯވިޑް-19: ރާއްޖޭގައި އުޅޭ ބިދޭސީއަކަށް ޖެހިއްޖެނަމަ ފެތުރުމުގެ ފުރުސަތު ބޮޑު


ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިއަކަށް ކޯވިޑް 19 ޖެހިއްޖެނަމަ ފެތުރުމުގެ ފުރުސަތު އިންތިހާއަށް ބޮޑުކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެފައެވެ. ހިއުމަން ރައިޓްސް ވޮޗުން ނެރުނު ބަޔާނުގައި، މިކާރިސާގެ ވަގުތުގައި އެންމެ ނާޒުކު ބައެއްގެ ގޮތުގައި ބެލެވެނީ ބިދޭސީ މަސައްކަތްތެރިން ކަމަށް ބަޔާންކޮށްފައިވެއެވެ. މިބަޔާނެއްގައި ވާގޮތުން ރާއްޖޭގައި އުޅޭ ބިދޭސީންގެ ދިރިއުޅުމުގެ ޙާލަތުހުރި ގޮތުން ބަލި ފެތުރުން ކުޑަކުރުމަށް އެކަހެރިކޮށް ތިބުމަކީ އުނދަގޫކަމަށްވާނެއެވެ. އަދި ކުދިކުދި ކޮޓަރިތަކުގައި އެތައް މަސައްކަތްތެރިންނެއް އެއްތަނެއްގައި ދިރިއުޅޭއިރު، ބައިބޯވެ ތޮއްޖެހުމުގެ ސަބަބުން މި ވައިރަސް މަސައްކަތްތެރިންގެ ތެރޭގައި ޖެހި ފެތުރުމުގެ ފުރުސަތު އިންތިހާއަށް ބޮޑެވެ.

ރާއްޖޭގައި ޤާނޫނީ ގޮތުން ވަޒީފާދޭ ފަރާތުން ބިދޭސީ މަސައްކަތްތެރިންގެ ހެލްތު އިންޝުއަރެންސް ހަމަޖެއްސުމަށް ލާޒިމުކުރި ނަމަވެސް، މިކަން ތަންފީޒުކުރެވޭލެއް ދަށް ކަމަށާއި މިކަމުގެ ހޭލުންތެރިކަންވެސް ކުޑަކަމަށް ހިއުމަން ރައިޓްސް ވޮޗުން ހާމަކޮށްފައިވެއެވެ. އަދި ވަޒީފާދޭ ބައެއް ފަރާތްތަކުން ބިދޭސީ މަސައްކަތްތެރިންގެ ޕާސްޕޯޓް ފަދަ ލިޔެކިޔުންތައް މަސައްކަތްތެރިޔާއަށް ހަވާލުނުކޮށް ހުރުމުގެ ނަތީޖާއެއްގެ ގޮތުން ސިއްހީ ޚިދުމަތްތައް ހޯދާ ލިބިގަތުމުގައި ބިދޭސީ މަސައްކަތްތެރިންނަށް ބޮޑެތި ދަތިތަކާކުރިމަތިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ކޯވިޑް 19 އާއި ގުޅިގެން ސަރުކާރުންވަނީ ބިދޭސީ މަސައްކަތްތެރިންނަށް ޚާއްސަކޮށް ކްލިނިކެއް ހުޅުމާލޭގައި ހުޅުވާފައެވެ. މިކްލިނިކުން އެއްވެސް ލިޔެކިޔުމެއް، ހުއްދަ އެއް ދެއްކުމެއްނެތި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާތީ ހިއުމަން ރައިޓްސް ވޮޗުންވަނީ މިކަމަށް ތައުރީފް ކުރައްވާފައެވެ.

އ.ދގެ ބިދޭސީ މަސައްކަތްތެރިންނާއި އެފަރާތްތަކުގެ އާއިލާތަކުގެ ޙައްގުތައް ރައްކާތެރިކޮށް ކަށަވަރުކުރުމުގެ ގޮތުން ހަދާފައިވާ ބައިނަލްއަޤްވާމީ މުއާހަދާގައި ރާއްޖެއިން ބައިވެރިވެފައި ނުވެއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށާއި މި ވައިރަހަށް ޕޮޒިޓިވް ވާ ފަރާތްތަކަށް ފަރުވާ ދިނުމަށާއި، ޝައްކުކުރެވޭ ފަރާތްތަކާއި، އަލާމާތްތައް ފެންނަ ފަރާތްތައް އެކަހެރިކުރުމާއި އަދި ކަރަންޓީން ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން ދިވެހި ސަރުކާރުންވަނީ މުހިއްމު ފިޔަވަޅުތަކެއް އަޅާފައެވެ.