ޚަބަރު

އިންޑިއާއިން ރާއްޖެ ގެންނަ ފުރަތަމަ ކާޑުގެ ޝިޕްމަންޓް ގެނެސްފި


އިންޑިއާއިން ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ކާޑުގެ ބާވަތްތަކުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓް ގެނެސްފިއެވެ.

އިންޑިއާގެ ސޫތުކުޅިން މިއަދު މާލެ އައި ބޯޓުން ގެނެސްފައިވަނީ 500 މެޓްރިކް ޓަނުގެ ހަކުރާއި 993 މެޓްރިކް ޓަނުގެ ހަނޑުލެވެ.

ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން ވިދާޅުވީ ވިދާޅުވީ އިތުރު 1500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރު ވަރަށް އަވަހަށް ރާއްޖެ ގެންނާނެކަމަށެވެ. މީގެ އިތުރުން އިމާރާތްކުރުމަށް ބޭނުންވާ 5000 މެޓްރިކް ޓަނުގެ ސިމެންތި ވެސް ކުރު މުއްދަތެއްގައި ރާއްޖެއަށް އަންނާނެކަމަށް އިންޑިއަން ހައިކޮމިޝާނުން ވިދާޅުވެއެވެ.

ކޯވިޑް-19ން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިންޑިޔާ މިހާރު އޮތީ ލޮކްޑައުންކޮށްފައެވެ. އެހެންނަމަވެސް އިންޑިއާ ސަރުކާރުން ވަނީ މި މުއްދަތުގައި ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ދަތިކަމެއްނެތި ލިބޭނެކަމަށް ވިދާޅުވެފައެވެ.

އިންޑިޔާގައި ކޯވިޑް-19 ފެތުރެން ފެށުމާއެކު އެޤައުމުން ބޭސް އެކްސްޕޯޓްކުރުން ވަގުތީގޮތުން ހުއްޓާލާފައިވީނަމަވެސް، ރާއްޖެއަށް ބޭނުންވާ ބޭސް ލިބޭނެ އިންތިޒާމުވެސް އެޤައުމުންވަނީ ހަމަޖައްސާފައެވެ. އެގޮތުން ބޭހުގެ އެހީގެ ގޮތުގައި 3 މަސްދުވަހަށް ބޭނުންވާ ޒަރޫރީ ބޭސް ރާއްޖެއަށް މިހާރު ވަނީ ފޮނުވާފައެވެ.

އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގާތްގުޅުމުގެ ސަބަބުން ރާއްޖެއަށް ދިމާވާ އެކި ދަތި ހާލަތްތަކުގައި އިންޑިއާއިން ރާއްޖެއަށް ބޮޑެތި އެހީތަށް ފޯރުކޮށްދެއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެއްވެސް ދަތިކަމެއްނެތި ލިބޭނެ ގޮތެއް ފަހިކުރުމަކީ ދިވެހި ސަރުކަރުން ވަރަށް މުހިއްމު އިސްކަމެއްދީގެން ކުރިއަށްގެންދާކަމެކެވެ. ސަރުކާރުން މިހާރު ވަނީ ކުރިއަށް އޮތް 10 މަސްދުވަހަށް ވާވަރަށް ކާޑުގެ ބާވަތްތައް ގެނައުމުގެ އިންތިޒާމު ހަމަޖައްސާފައެވެ.

ކާޑުގެ ބާވަތްތަކުގެ ތެރެއިން 10 މަސްދުވަހަށް ވާވަރަށް ހަނޑުލާއި ހަކުރު އެބަހުރިކަމަށާއި، 5 މަސްދުވަހަށް ބޭނުންވާވަރަށް ފުށްވެސް އެސްޓޯގައި މިހާރު އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދިނރައްޔިތުންގެ ޒަރޫރީ ބޭނުންތަކާއި ކެއިންބުއިމަށް ބޭނުންވާ ސާމާނު ކަށަވަރު ކޮށްދެއްވާނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.