ޚަބަރު

މިނިވަންކަން ގެއްލޭނެކަމަކަށް ފުރުސަތުނުދިނުމަށް ގޮވާލައްވައިފި


މިނިވަންކަމަށް ކިތަންމެ މިނިވަންކަމަށް ކުޑަ ނަމަވެސް ބުރުލެއްއަރާފަދަ ކަމަކަށް އެއްވެސް ބަޔަކަށް ފުރްޞަތު ނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ މިނިވަންދުވަހުގެ މުނާސަބަތުގައި ރޭ ދިވެހި ޤައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.ދިވެހިރާއްޖޭގެ ފަޚުރުވެރި 50 ވަނަ މިނިވަންދުވަހުގެ ދިދަ ނެގުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތަށްފަހު ދިވެހި ގައުމާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ޤައުމީ މިނިވަންކަމުގެ މަތިވެރި ނިޢުމަތް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ބުރަ މަސައްކަތްތަކުގެ މަތިން މިއަދު އަޅުގަނޑުމެން ހަނދާން ކުރަންޖެހޭކަމަށާއި، ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމަށްޓަކައި އެކި ދުވަސްވަރު އެކި ބޭފުޅުން ވެވަޑައިގެންނެވި ޤުރްބާނީއާއި، އެބޭފުޅުން އެކުރެއްވި ބުރަ މަސައްކަތްޕުޅު، މިއަދުގެ ޖީލަށް އަޅުގަނޑުމެން ހަނދާންކޮށްދޭން އެބަޖެހޭކަމަށެވެ. މިއަދުގެ ޅަކުދިންނާއި ޒުވާނުންނަށް އެވާހަކަތައް އަޅުގަނޑުމެން ކިޔައިދޭން އެބަޖެހޭކަމަށާއި، ރާއްޖޭގެ މިނިވަންކަމާ ބޭރުގެ ފަރާތްތަކުން ތޮޅުނު ފަހަރުފަހަރު، އެ މިނިވަންކަން ގެއްލެން ދިމާވި ސަބަބުތައް އޮޅުންފިލުވައިދޭން އެބަޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.މިނިވަންކަމަކީ ކޮބައިކަން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭކަމަށާއި، ޤައުމެއް މިނިވަންވުމަށްފަހު، އެ މިނިވަންކަން ދިފާޢުކޮށް ޙިމާޔަތްކުރުމަށްޓަކައި ކުރަންޖެހޭ ވަރުގަދަ ޤައުމީ މަސައްކަތުގެ މަތިންވެސް އަޅުގަނޑުމެން ހަނދާންކުރަންޖެހޭކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޥާހަކަފުޅުގައި، މިނިވަން ފަރުދަކަށް ދިމާވާ ކަންކަން ނިންމުމުގައި، އެ ފަރުދަކަށް ލިބޭ އިޚްތިޔާރާއި ބާރު އޮޅުންފިލާފަދައިން، ދައުލަތަކަށް މިނިވަންކަން ބޭނުންވަނީ ކީއްވެތޯ، މިއަދުގެ ޅަކުދިންނަށް އަޅުގަނޑުމެން އޮޅުންފިލުވައިދޭންޖެހޭކަމަށައި، އެކުދިންގެ ސިކުނޑިތަކަށް މިކަންކަން ވިސްނައިދޭންޖެހޭކަމަށް. އަދި މިނިވަންކަމުގެ ފޮނިމީރުކަންވެސް އެކުދިންގެ ހިތްތަކަށް ވައްދައިދޭންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. "މީލާދީ ސަނަތުން 1153 ވަނަ އަހަރު ދިވެހިރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތުގެ ނޫރުގެ އަލިކަން ލިބުނީއްސުރެ މިވީ 862 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ގެއްލިފައިވަނީ ހަމަ އެންމެ 2 ފަހަރުކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެއީ ޕޯޗްގީޒުން ރާއްޖެ އިސްތިޢުމާރު ކުރި 15 އަހަރާއި، އިންޑިއާގެ ހޮޅީން ނުވަތަ މަލާބާރީން ރާއްޖޭގެ މައްޗަށް އަތްގަދަކުރި 3 މަހާއި ދުވަސްކޮޅެއް. އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި ރާއްޖެ އޮތް 77 އަހަރު ނިމުމަކަށް ގެނެވިފައިވަނީ، މީގެ 50 އަހަރު ކުރިން، 1965 ވަނަ އަހަރުގެ ޖުލައި މަހުން 26 ވަނަ ދުވަހު. އިސްލާމީ ދައުލަތެއްގެ ގޮތުގައި، ރާއްޖެ މިއޮތް 862 އަހަރުގެ ތެރޭގަޔާއި، މިނޫން ހުރިހާ ޒަމާންތަކެއްގައި، ދިވެހިރާއްޖެ އޮތީ މިނިވަން ޤައުމެއްގެ ގޮތުގައި ކަމީ، ދިވެހިންނަށް ލިބިފައިވާ ވަރަށްބޮޑު ނިޢުމަތެއްކާއި، މަތިވެރި ފަޚްރެއް، ޝަރަފެއްކަމަށާއި، މިއަދު ދުނިޔޭގައި މިއޮތް 200 ވަރަކަށް ޤައުމަށް ބަލާއިރު، މިފަދަ ފަޚުރުވެރި މިނިވަންކަމުގެ ތާރީޚެއް އޮތް ޤައުމުތައް މަދު " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިވެހި ޤައުމުގެ މިނިވަންކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ މަތިވެރި ނިޢުމަތކާއި، ބޮޑު ފަޚުރަކާއި ޝަރަފެއްކަމަށާއި، އެއީ، ދިވެހި ޤައުމަށްޓަކައި ދިވެހި ކާބަފައިން ވެވަޑައިގެންފައިވާ ޤުރުބާނީތަކުގެ އަގުނުކުރެވޭފަދަ ހަދިޔާއެއްކަމަށް ވިދާޅުވިއެވެ.ޤައުމީ މިނިވަންކަން ރައްކާތެރިކުރުމުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ، އެ މިނިވަންކަން ޙާޞިލުކުރުމަށްވުރެ ބޮޑު މަސައްކަތެއްކަމަށް ވިދާޅުވިއެވެ. "ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު މިއަދާ ހަމަޔަށްވެސް ޙިމާޔަތް ކުރެވިފައި މިވަނީ، އިސްލާމީ ޢަޤީދާއާއި، އަޅުގަނޑުމެންގެ ޤައުމީ ވަޙުދަތުގެ ސަބަބުން. މިކަން އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުމެން ހަނދާންނައްތާލައިގެން ނުވާނެ. ރާއްޖޭގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް، މަސްއޫލިއްޔަތެއް. އެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރެވޭނީ، އަޅުގަނޑުމެންނަކީ އިޚްލާޞްތެރި ބަޔަކަށްވެގެން. ތެދުވެރި ބަޔަކަށްވެގެން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިނިވަން ޙަޔާތުގެ އާ އަހަރުތަކަކާ އަޅުގަނޑުމެން ކުރިމަތިލާއިރު، އަޅުގަނޑުމެންނާ ކުރިމަތިވާ އެކިއެކިި ގޮންޖެހުންތަކަށް ކެތްތެރިކަމާއި ހިތްވަރާއެކު ކުރިމަތިލެއްވުމަށް އެމަނިލުފާނު އިލްތިމާސްކުރެއްވިއެވެ. ރާއްޖޭގެ މިނިވަންކަމަށް ކިތަންމެ ކުޑަ ނަމަވެސް ބުރުލެއްއަރާފަދަ ކަމަކަށް އެއްވެސް ބަޔަކަށް ފުރްޞަތު ނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.