ޚަބަރު

ކޯވިޑް-19 : ފިލިޕީންސްގައި ތިބި 47 ދިވެހިން ރާއްޖެ ގެނެސްފި


ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެކި ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއެކު ބޭރުގެ ބައެއް ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގެ ދަށުން ފިލިޕީންސްގައި ތިބި 47 ދިވެއްސަކު ރާއްޖެ ގެނެސްފިއެވެ.

ނޭޝަނަލް އިމަރޖެންސީ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ފިލިޕީސްގައި ދިރިއުޅޭ މީހުންގެ ތެރެއިން 47 މީހުން މިއަދު ރާއްޖެ ގެނެސްފައިވާއިރު އިތުރު 16 މީހަކު ރާއްޖެއަށް އައުމުގެ ދަތުރުމަތީގައި ވާކަމަށެވެ.

މަބްރޫކް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން މިވަގުތު ދަތިހާލުގައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އެމީހުން ރާއްޖެ ގެނައުމަށްކަމަށެވެ. އަދި މިކަމުގައި ސަރުކާރުން ވަކި ބަޔަކު ނުވަތަ ވަކި ޤައުމެއްގައި ތިބި ބަޔަކު ރާއްޖެ ގެނައުމަށް މަސައްކަތް ނުކުރާ ކަމަށާ، އެ މަސައްކަތް ކުރަމުންދަނީ ފުރުޞަތު ލިބޭ މިންވަރަކުން ކަމަށެވެ.

ރާއްޖެއިން ބޭރުގައި ތިބި ދިވެހި ރައްޔިތުންގެ ހާލު ދުވަހުން ދުވަހަށް ފޮރިން މިނިސްޓްރީން ބަލަމުންދާއިރު އެއްވެސް ކަމަކަށް ދަތިވާނަމަ އެބަޔަކު ތިބި ޤައުމެއްގައިހުރި އެމްބަސީ މެދުވެރިކޮށް ސަރުކާރުގެ އެހީތެރިކަމަށް އެދުމުން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއެކު މިދަނޑިވަޅަކީ މުޅި ދުނިޔޭގައިވެސް ދަތުރުފަތުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއްހުރި ދުވަސް ވަރަކަށްވާއިރު އެކަން ހުރިހާ ރައްޔިތުންވެސް ގަބޫލުކުރުމަށް މަބްރޫކް ވަނީ އެދިފައެވެ. އަދި މިފަދަ ދަނޑިވަޅެގައި ޤައުމުތަކުގައި ތިބި މީހުން ރާއްޖެ ގެނެވޭނީ އެ ޤައުމުތަކުން އެކަމަށް ޖާގަ ލިބޭ މިންވަރަކުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މިއަދު ރާއްޖެއަށް ޖުމްލަ 77 މީހަކު އައިސްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 76 ދިވެއްސަކާއި، ބިދޭސީ މުވައްޒަފެކެވެ. ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރޭދަންވަރު 12 އިން ފެށިގެން އެއްވެސް ޤައުމަކުން މީހުން ރާއްޖެ އައުން މަނާކޮށްފައެވެ.