ވިޔަފާރި

ކޮވިޑް-19: ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެތި އުފެއްދުމުގައި، މަޝްހޫރު ބްރޭންްޑްތައް


ކޯވިޑް-19އާ ގުޅިގެން ސިއްޙީ ދާއިރާއާގައި ބޭނުންކުރާ ތަކެތީގެ ޑިމާންޑު މަތިވެ މިފަދަތަކެތި އުފައްދާ ފަރާތްތަކަށްވަނީ ޑީމަންޑާ އެއްވަރަށް ސަޕްލައިކުރަން ދަތިވެފައެވެ. މިކަމަށް އެހީތެރިވުމަށް ބައިނަލްއަޤްވާމީ ބޮޑެތި ބްރޭންޑުތަކުން ދަނީ ސިއްޙީ ދާއިރާއަށް ބޭނުންވާ ތަކެތި އުފައްދަން ފަށާފައެވެ.

ކޯވިޑް-19ގެ ސަބަބުން ސިއްޙީ ދާއިރާގައި ބޭނުންވާ އެކިތަކެތީގެ ޑިމާންޑު ދުނިޔޭގައި އިތުރުވެ، ބެނުންވާވަރަށް ސަޕްލައި ކުރުމުގެ ދަތިތަކެއްވަނީ ކުރިމަތިވެފައެވެ. މިކަމާގުޅިގެން އެހެން ބާވަތުގެ ތަކެތި އުފައްދާ ކުންފުނިތަކާއި، ބްރޭންޑުތަކުންދަނީ ސިއްޙީ ދާއިރާއާ ގުޅުންހުރި ތަކެތި އުފައްދައި ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވަމުންނެވެ.

މިގޮތުން ސިއްޙީ ދާއިރާއަށް ބޭނުންވާ މާސްކް، ފޭސް ޝީލްޑް، އައިސޮލޭޝަން ގައުން، ސެނަޓައިޒާ، ވެންޓިލޭޓަރ އަދި އެހެނިހެން ސާމާނު އުފެއްދުމަށް ބޮޑެތި ބްރޭންޑުތަކުން ދަނީ ޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރަމުންނެވެ.

މަޝްހޫރު ބޮޑެތި ބްރޭންޑްތަކުން އެމީހުންގެ ފެކްޓްރީތަކުގައި ދަނީ ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެތި އުފައްދަމުންނެވެ. މަޝްހޫރު ފެޝަން ބްރޭންޑް "ޕްރާޑާ"އިން ވަނީ ސަތޭކަ ދިހަ ހާސް މާސްކް އޭޕްރިލްމަހާއި ހަމަޔަށް އުފައްދާނެކަމަށް ބުނެފައެވެ.

އަދި މަޝްހޫރު ބްރޭންޑްތައް ކަމަށްވާ "ގޫޗީ" "އީވް" "ސެން ލޮރެން" "ބެލެންސިއާގާ"އިންވެސް ވަނީ ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ ޙާލަތުގައި މާސްކާއި ގައުން ލިބުމުގައި ދިމާވާ ދަތިތަކަށް އެހީވުމަށް މިތަކެތި އެބްރޭންޑްތަކުގެ ފެކްޓްރީތަކުގައި އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެކުރިން "ޑިއޯ" "ފެންޑީ" "ގިވޯންޝޭ" އަދި "ލުއިސް ވުޓޯން" ހިންގާ ކުންފުނި އެލްވީއެމްއެޗް އިން ވެސް ވަނީ 40 މިލިއަން މާސްކް ތައްޔާރުކުރާނެކަމަށް ބުނެފައެވެ.

މަޝްހޫރު މެންގޯ ބްރޭންޑުންވެސް ދަނީ 2 މިލިއަން މާސްކް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އަދި ޒާރާ ބްރޭންޑުގެ ފެކްޓްރީތަކުގައި ތިން ސަތޭކަ ހާސް މާސްކް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
ފެޝަން ބްރޭންޑް ރަލްފް ލޯރެން ކޯޕަރޭޓް ފައުންޑޭޝަނުން މާސްކް އެމެރިކާގެ ސިއްހީ ދާއިރާއަށް އެހީތެރިވުމަށް މާސްކް އަދި ގައުން އުފައްދާ ޚަބަރެވެ. މިގޮތުން ރަލްފް ލޯރެންގެ ޗެރިޓީ އޯގަނައިޒޭޝަންނުން ދުއިސައްތަ ފަންސާސް ހާސް މާސްކާއި ފަންސަވީސް ހާސް އައިސޮލެޝަން ގައުން އުފައްދާނެކަމަށް މިވަނީ އިއުލާންކޮށްފައެވެ.

އަދި ރަލްފް ލޯރެން ފައުންޑޭޝަނުންވަނީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ބައިނަލްއަޤްވާމީގޮތުން ކުރާ މަސައްކަތަށް ދިހަ މިލިއަން ޑޮލަރުގެ އެހީ ދޭންވެސް ނިންމާފައެވެ. މިކަމާބެހޭ ގޮތުން ރަލްފް ލޯރެން ބުނީ އެކުންފުންޔަކީ އަބަދުވެސް އިޖްތިމާއީ ކަންކަމުގައި މިސާލު ދައްކާ ކުންފުންޔެއްކަމަށާއި، މިފަދައިން އެއްބައިވަންތަކަން ދައްކަންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ފަސްނުޖެހޭނެކަމަށެވެ.
ލައިފްސްޓައިލް ބްރޭންޑް އެޗްއެންއެމްގެ ފެކްޓްރީތަކުން މެޑިކަލް އިކުއިޕްމަންޓުތަށް އުފެއްދުމުގެ މަސައްކަތްވެސް ކުރާކަމަށް އެކުންފުނިން ކުރިން ވަނީ އިއުލާންކޮށްފައެވެ.

ކެނަޑާގެ ކޯޓު އުފައްދާ ބްރޭންޑް "ކެނަޑާ ގޫސް"އިން ވެސް ދަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހަދިޔާކުރުމަށް ގައުންތަކެއް އުފައްދަން ތައްޔާރުވަމުންނެވެ. މިކަމުގެ މަސައްކަތް ކުރިޔަށް މިއޮތް ހަފްތާގައި ފަށާނެކަމަށް އެބްރޭންޑުން ވަނީ ބުނެފައެވެ. ކެނަޑާ ގޫސްއިން ބުނީ އެމީހުން އުފައްދާނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ސްކްރަބްސްއާއި ބަލިމީހުން ލައްވާ ގައުން ކަމަށެވެ.

ކެނަޑާ ގޫސްއިން ބުނީ ކެނަޑާގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ރެއާއި ދުވާލު އަމިއްލަ ރައްކާތެރިކަން ޤުރުބާންކޮށް ކުރާ މަސައްކަތުގެ އަގުވަޒަން ކުރަން ބޭނުންކަމަށެވެ. އަދި މިއީ މިކަމުގެ އަގުވަޒަން ކުރުމަށް ކުރެވޭ ކުޑަކުޑަކަމެއްކަމަށެވެ. އަދި މިއީ ހުރިހާ ބޮޑެތި ބްރޭންޑެޑް ކުންފުނިތަކުން އަމިއްލަ ރިސޯސަސް ބޭނުންކޮށް، ސިއްހީ ދާއިރާގެ ފަރާތްތަކަށް ބޭނުންވެފައިވާ ތަކެތި އުފައްދާ އެހީވާންވީ ދަނޑިވަޅުކަމަށެވެ.

އެމެރިކާގެ ސެންފްރަސިސްކޯގެ މަޝްހޫރު ބްރޭންޑް ގެޕްއިންވެސް ވަނީ އެމީހުންގެ ފެކްޓްރީތަކުގައި ސިއްހީ ދާއިރާއަށް ބޭނުންވާ މާސްކާއި ގައުން ހަދަން ފަށާފައެވެ. ގެޕްއިން ބުނީ އެކުންފުނިން އުފައްދާ ތަކެތި، ބައިނަލްއަޤްވާމީ ފެންވަރެއްގައި ސިއްހީ ދާއިރާއަށް އެހީވުމަށް ބޭނުންކުރާނެކަމަށެވެ. ކާރު އުފައްދާ ކުންފުނިތަކުންވެސް ވަނީ ސިއްހީ ދާއިރާއަށް ބޭނުންވާ ވެންޓިލޭޓަރާއި، މާސްކުވެސް އުފައްދަމުންނެވެ.