ޚަބަރު

އަމިއްލަ ނަފްސަށް ގެއްލުންދޭނެ ކަމަށްބުނި ދިވެއްސަކު ހައްޔަރުކޮށްފި


ރިޒޯޓަކުން ފޭބުމަށް ޑޮކްޓަރުގެ ސިޓީއެއް ނުދީފިނަމަ އަމިއްލަ ނަފްސަށް ގެއްލުންދޭނެކަމަށްބުނި ދިވެއްސަކު ފުލުހުންގެ ބެލުމުގެދަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ ވ. އަތޮޅުގައި ހިންގާ ސިނަމަން ވިލިފުށި ރިޒޯޓްގެ މުވައްޒަފަކު އެރަށުން ފޭބުމަށް މެޑިކަލް ލެޓަރއެއް ނުދީފިނަމަ އަމިއްލަ ނަފްސަށް ގެއްލުންދޭނެ ކަމަށް ބުނުމުން އޭނާއަށް ކަމެއް ދިމާވުމުގެކުރިން، ކޯޓުއަމުރެއްގެ ދަށުން އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސްފައިވާކަމަށެވެ.

33 އަހަރުގެ އެމީހާ ހައްޔަރުކޮށްފައިވަނީ ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުވުމާ ޚިލާފްވެފައިވާތީކަމަށް ފުލުހުން ވިދާޅުވެއެވެ. ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތުވަނީ ސިއްޙީ ކުއްލިނުރައްކަލުގެ ހާލަތުގައި ރާއްޖޭގެ ރިޒޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ނުދިއުމަށް އަންގާފައެވެ.
މިމައްސަލަ ފުލުހުންދަނީ ތަޙްޤީގުކުރަމުންނެވެ.

ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި ހުރިހާ ބިދޭސީންވެސް ޕޮޒިޓިވްވީ ރިޒޯޓުތަކުންނެވެ.

މުވައްޒަފުން ރިޒޯޓުތަކުން ފުރުމުގެ ހުއްދަދެވޭނީ އެ ރިޒޯޓެއްގައި ހުރި އެންމެފަހު ފަތުރުވެރިޔާ ފުރުމަށްފަހު 14 ދުވަހުގެ މުއްދަތަކަށްފަހުކަމަށް ނިންމާފައިވުމުން، ބައެއް ރިޒޯޓުތަކުގައި އެއް މަސް ފަހުންވެސް ފަތުރުވެރިން ފުރާގޮތަށް ހަމަޖެހިފައިވެއެވެ.

ޓޫރިސްޓުން ރިޒޯޓުތަކުގައި ތިބި އަދަދާއި، މުއްދަތައް ބަލާ، ރިޒޯޓުތަކުގައި މަސައްކަތް ކުރާ ވަކިވަކި މުވައްޒަފުންނަށް ރިޒޯޓުން ފުރުމުގެ ހުއްދަދެވޭނެކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.