ޚަބަރު

ބަލިމަޑުކަމާ މުސީބާތުގެ ވަގުތުގައި އެކަކު އަނެކަކަށް އަޅާލާ އެހީތެރިވާންޖެހޭ - ހުކުރު ޚުޠުބާ


މުސްލިމުންނަކީ ބަލިމަޑުކަމާއި މުސީބާތުގެ ވަގުތުގައި އެކަކު އަނެކަކަށް އަޅާލާ އެހީތެރިވާ ބަޔަކު ކަމުގައި ވުމަށާއި މިބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ގިނަގިނައިން ﷲ ގެ ހަޟްރަތުގައި ދެންނެވުމުގައި ސާބިތުވެ ތިބުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

އަދި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް 19 އިގެ ބަލިމަޑުކަމުން ރައްކާތެރިކޮށްދެއްވުންއެދި ހުރިހާ މުސްލިމުންވެސް ގިނަ ގިނައިން ﷲގެ ހަޟްރަތުގައި ދެންނެވުމަށާއި، މީގެ އިތުރުން މިދުވަސްވަރު ކަމާބެހޭ ފަރާތްތަކުން ދެއްވަމުންގެންދަވާ ހުރިހާ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބާ ބަޔަކަށް ވުމަށްވެސް ޚުޠުބާގައިވަނީ ނަސޭޙަތްތެރިވެފައެވެ.

އަޑު:"މުސްލިމުންނަކީ ބަލިމަޑުކަމާއި މުސީބާތުގެ ވަގުތުގައި އެކަކު އަނެކަމަށް އަޅާލުމާއި އެހީތެރިވާ ބަޔަކުކަމުގައި ވާންޖެހޭ. އަދި ކުރިމަތިވެފައިވާ މުސީބާތުން ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރުމާއެކު ސަބަބުތަކުގައި ހިފާ ކަމާބެހޭ އެންމެހާ ފަރާތްތަކުން ދެމުންގެންދަވާ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކުރަންޖެހޭ." ޚުޠުބާގައި ވެއެވެ.

ޚުޠުބާގައިވަނީ ﷲއީ އެކަލާނގެ އަޅުތަކުންނަށް ރަޙުމަތްލެއްވުމަށް އެކަލާނގެ ޒާތުފުޅުގެ މައްޗަށް ވާޖިބުކަމެއް ކަމުގައި ލެއްވި ރަސްކަލާނގެކަމަށާއި އެކަލާނގެ ރަޙުމަތް މުޅި އިންސާނިއްޔަތުގެ މައްޗަށް ތަނަވަސްވެގެންވާކަން ޚުޠުބާގައިވަނީ ހަނދާންކޮށްދެއްވަފައެވެ. އަދި މިއަދު ކުރިމަތިވެފައިމިވާ ބަލިމަޑުކަމުން މުޅި އިންސާނިއްޔަތު ރައްކާތެރިކޮށްދެއްވުމަށް ﷲ ކުޅަދުންވަންތަކަމަށާއި އެކަމަށް އެދިގެން ދުޢާ އިޖާބަކުރައްވާ ގަޑިތައް ކަމުގައި ބަޔާންވެގެންވާ ގަޑިތަކުގައި ފުރިހަމަ އިތުބާރާއެކު ގިނަގިނައިން ދުޢާކުރުމަށް ޚުޠުބާގައިވަނީ ގޮވާލައްވާފައެވެ.

މިދުވަސްވަރަކީ ހުރިހާ އެންމެނަށްވެސް ދަތި އުނދަގުލާކުރިމަތިލާންޖެހިފައިވާ ވަގުތެއްކަމަށާއި މިވަގުތު ހުރިހާ އެންމެންވެސް ކެތްތެރިވުމަށްވެސް ޚުޠުބާގައިވަނީ ނަސޭޙަތްތެރިވެފައެވެ. މާލޭ ސަރަހައްދުގައި ހުކުރު ނަމާދު ޖަމާއަުގައި ނުކުރި ނަމަވެސް ރާއްޖޭގެ މީހުން ދިރިއުޅޭ އެހެން ރަށްތަކުގައި ހުކުރު ނަމާދު ޖަމާއަތުގައި ކުރުން އޮތެވެ. މިދުވަސްވަރު އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމަށްޓަކައި ގްރޭޓަރ މާލޭ ސަރަޙައްދުގައި ޖަމާޢަތުގައި ނަމާދުކުރުންވަނީ މަޑުޖައްސާލާފައެވެ. އެހެންކަމުން މާލެ ސަރަޙައްދުގައި ހުކުރު ދުވަހުގެ ހުކުރުގެ ބަދަލުގައި ކޮންމެ މީހަކުވެސްކުރާނީ މެންދުރު ނަމާދުކަމަށްވަނީ ކަނޑައަޅާފައެވެ.