ޚަބަރު

ސަރުކާރު ހުޅުވާތާ 10 ދުވަސް ތެރޭގައި ވިސާ އާ ކުރަންޖެހޭނެ : އިމިގްރޭޝަން


އެކި ވީޒާތަކުގައި ރާއްޖޭގައި ތިބި ފަރާތްތަކުގެ ތެރެއިން، ސަރުކާރު ބަންދު މުއްދަތުގެ ތެރޭގައި ވީޒާގެ މުއްދަތު ހަމަވާ ފަރާތްތައް، ރަސްމީކޮށް ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރަން ފަށާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ވީޒާ އައުކުރުމަށް ހުށަހެޅުމަށް މޯލްޑިވްސް އިމިގްރޭޝަން އަންގަވައިފިއެވެ.

އެ އި ދާރާއިން ވަނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި،
19 މާރިޗު 2020 އިން ފެށިގެން ސަރުކާރު އިދާރާތަށް ބަންދުކޮށްފައިވުމާއެކު، މި މުއްދަތުގެ ތެރޭގައި ވީޒާގެ ޚިދުމަތްތައް
ދިނުމަށް ބައެއް ބައްދަލުތައް ގެންވާފައިވާކަމަށެވެ.

އެގޮތުން އައު އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ދަށުން މިއަހަރުގެ މާރިޗު މަހުގެ 01 ވަނަ ދުވަހުގެ ފަހުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާ ހުރެ، ވާކް ވިސާ ފީ ދެއްކިފައިނުވާ ފަރާތްތައް ރަސްމީކޮށް ސަރުކާރުގެ އިދާރާތަކުން
މަސައްކަތް ކުރަންފަށާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެފަރާތްތަކުގެ މަޢުލޫމާތު ޙިއްސާކުރުމަށް އިމްގިރޭޝަނުން ވަނީ އަންގަވާފައެވެ. އަދި ވާކް ވިސާ ފިޔަވައި، އެހެނިހެން ވީޒާތަކުގައި ރާއްޖޭގައި ތިބި ފަރާތްތަކުގެ ތެރެއިން، ސަރުކާރު ބަންދު މުއްދަތުގެ ތެރޭގައި ވީޒާގެ މުއްދަތު ހަމަވާ ފަރާތްތައް، ރަސްމީކޮށް ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރަން ފަށާ ދުވަހުން
ފެށިގެން 10 ދުވަހުގެ ތެރޭގައި ވީޒާ އައުކުރުމަށް ހުށަހެޅުމަށްވެސް އިމްގްރޭޝަނުން ވަނީ އަންގަވާފައެވެ.

އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބި ވިސާ އައު ނުކުރެވިވާ ފަރާތްތަކާއި، އެހެނިހެން ވީޒާ ތަކުގައި ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ތެރެއިން ސަރުކާރު ބަންދު ދުވަސްތަކުގައި ވިސާ ހަމަވާ ފަރާތްތައް ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާނަމަ، އެފަރާތްތައް
ސްޕޮންސަރ ކޮށްފައިވާ ފަރާތުން އިމަރޖެންސީ ޑިޕަރޗަރ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު ބޭނުންވާ ލިޔެކިއުން ހަމަކޮށް އެއަރޕޯރޓަށް ދިއުމުން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ފުރުވާލުމުގެ އިންތިޒާމް ހަމަޖެހޭނެކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމްގްރޭޝަނުން ވިދާޅުވީ ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުގައި އެ އިދާރާއިން އަންގާފައިވާ ގޮތަށް އަމަލުކުރާ ފަރާތްތަކަށް ޖޫރިމަނާ ފައިސާއާއި ނުލައި، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ވީޒާ އަދި ވީޒާ ފީގެ އެންމެހައި ކަންތައްތައް ހަމަޖައްސަަވާދެއްވާނެކަމަށެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުފެ ތެރެއިން އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި މިއަދުން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުންވެސް ވަގުތީ ގޮތުން ވަނީ ހުއްޓާލާފައެވެ.