ޚަބަރު

ކޯވިޑް-19 : ދަތުރުކުރަން އެންމެ ރައްކާތެރި މާދަމާއެއް ހޯދަންޖެހޭ - މިނިސްޓަރ ޢަލީ ވަޙީދު


ދުނިޔޭގެ ހުރިހައި ޤައުމުތައް ގުޅިގެން އަލުން ފަތުރުވެރިކަން ދިރުވައި އާލާ ކުރުމަށްޓަކައި ދަތުރުކުރަން އެންމެ ރައްކާތެރި މާދަމާއެއް ހޯދަންޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމާބެހޭ އދ.ގެ މައި ޖަމްޢިއްޔާ ޔޫއެންޑަބްލިިއުޓީއޯއިން އެކުލަވާލާފައިވާ ގްލޯބަލް ޓޫރިޒަމް ޓްރައިސިސް ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ސައުތު އޭޝިއާއާއި ދިވެހިރާއްޖެ ތަމްސީލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. ޔޫއެންޑަބްލިއުޓީއޯގެ ސައުތު އޭޝިޔާ ރީޖަނަލް ކޮމިޝަންގެ ޗެއަރކަންވެސް ކުރަނީ ރާއްޖެއިންނެވެ.

ވީޑިއޯ ކޯލް މެދުވެރިކޮށް ބޭއްވި ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމެޓީގައި މިނިސްޓަރ ޢަލީ ވަޙީދު ދެއްކެވި ވާހަކަފުޅުގައިވަނީ ދުނިޔެ އަބަދު ލޮކްޑައުންކޮށްގެން ނުތިބެވޭނެކަމަށާއި ކޮވިޑް-19 ބަލިން ރައްކާތެރިވެ ސަލާމަތްތެރިކަން ހޯދުމުގައި ދުނިޔޭގެ ހުރިހައި ޤައުމުތަކެއް ގުޅިގެން މަަސައްކަތްކުރުމަށް ގޮވާލާފައެވެ.

ޑަބްލިއުއެޗްއޯގެ އެންގުންތަކާ އެއްގޮތަށް އަވަސް ހަރުދަނާ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމުގެ މައްޗަށް މިނިސްޓަރު ޢަލީވަޙީދުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މާދަމާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޙަޔާތުގައި ވަރަށްވެސް ހިތާމަވެރި ދުވަހެއްކަމަށާ، މާދަމާއިން ފެށިގެން މިވަގުތަށް ދިވެހިރާއްޖެއަށް އޮން އަރައިވަލް ވިސާ ދިނުން ހުއްޓާލަނީ ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.