ޚަބަރު

ކޯވިޑް-19 : އައިޖީއެމް ހޮސްޕިޓަލުގައި ޚާއްސަ އިންތިޒާމުތަކެއް


ކޯވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ތާމަލް ކެމެރާ ހަރުކޮށްގެން ސްކްރީން ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެ ހޮސްޕިޓަލުގެ ހަތަރު ސަރަޙައްދެއްގައި މިގޮތަށް ސްކްރީން ކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަކީ ރާއްޖޭގައި އެންމެ ގިނަ މީހުން ފަރުވާ ހޯދުމަށް ދާ ހޮސްޕިޓަލެވެ. މި ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތައް އެއްދުވަހުން އަނެއްދުވަހަށް ފުޅަކުރުމަށްޓަކައި ހޮސްޕިޓަލުން މަސައްކަތްތައް ކުރަމުންދެއެވެ.

މިދުވަސްވަރަކީ ކޯވިޑް -19 ގެ ނުރައްކާތެރިކަން ބޮޑުވެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެކެވެ.އެ ހޮސްޕިޓަލުން ދެމުންދާ ޚިދުމަތް އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް ހޮސްޕިޓަލުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާރު ވަނީ، އެކިބޭނުންތަކަށް އައިޖީއެމްއެޗަށް ވަދެ ނުކުމެވޭ ސަރަހައްދުތައް ވަކިކޮށް ޚާއްސަ އުސޫލަކުން ބަލަހައްޓަން ފަށާފައެވެ.

ކޯވިޑް-19އާ ގުޅިގެން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، އައިޖީއެމްއެޗަށް އެކި ބޭނުންތަކުގައި މީހުން ވަދެ ނުކުމެ އުޅޭ ދޮރުތައް ބޭނުންކުރާ ގޮތަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މި ދޮރުތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް ތާމަލް ކެމެރާ ހަރުކުރުކޮށް ވަނީ ސްކްރީން ކުރުމުގެ މަސައްކަތް ފަށާފައެވެ.

މިޚިދުމަތާ ގުޅެ ގޮތުން މަޢުލޫމާތުދެއްވަމުން އައިޖީއެމްއެޗްގެ އީ.އާރު ފިޒީޝަން ޑރ.އިބްރާހީމް އިޔާޒް ވިދާޅުވީ އަލަށް ޤާއިމުކުރި ތާމަލް ގޭޓްތަކުން ބަލި މީހުންނާއި ހޮސްޕިޓަލަށް ޒިޔާރަތްކުރާ އެންމެން ސްކްރީން ކުރާނެކަމަށެވެ. ސްކްރީންކުރުމަށްފަހު ހުމުގެ އަސަރެއް ހުރިނަމަ ޙާލަތައް ބަލާ ފްލޫ ނުވަތަ ޓްރެވެލަރސް ކްލިނިކަށް ފޮނުވާލެވޭނެކަމަށް އިޔާޒް ވިދާޅުވިއެވެ. އެގޮތުން ފޮނުވާލެވޭ ފަރާތުގެ އެޕޮއިންޓްމަންޓް އެހެން ދުވަހަށް ފަސްކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް އިޔާޒް ވިދާޅުވިއެވެ.

"މިކަމުން އަންނަ ބައެއް އުނދަގޫތަކަށް ހައްލެއް ހޯދުމަށް މިހާރު ވާނީ ޕްރިސްކްރިޕްޝަން ސަރވިސް އެއް ފަށާފަ. މި ޚިދުމަތުގެ ދަށުން ދާއިމީ ބަލިތަކަށް ބޭސް ކާ ފަރާތްތަކުގެ ބޭސް ހުސްވާން ކައިރިވުމުން ބަލި މީހާ ހޮސްޕިޓަލަށް އައުމުގެ ބަދަލުގައި އެހެން މީހަކު ފޮނުވައިގެން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ. މިގޮތުން އޯޕީޑީ ސްކްރރީނިން ޕޮއިންޓުގައި ބަހައްޓާފައި ހުންނާނެ އެކަމަށް ޚައްސަ ބޮކްސް އެއް. އެއަށް ބޭސް ސިޓީ ލުމަށްފަހު ޖެހިގެން އަންނަ ދުވަހު އޭގެ ބޭސް ސިޓީ ތައްޔާރުވުމަށްފަހު ލިބިގެންދާނެ" ޑރ.ޢިޔާޒް ވިދާޅުވިއެވެ.

ސްކްރީންކުރުމަށްފަހު ހުމުގެ އަސަރެއް ހުރިނަމަ އައިޖީއެމްއެޗަށް ނުވަދެވޭއިރު، ޑައިލަސިސްފަދަ ޕްރޮސީޖާތައްހަދަން އަންނަ މީހުން ހުން ނުވަތަ ރޯގާ ހުރިކަމުގައި ވިޔަސް އެހޮސްޕިޓަލުން ޚިދުމަތް ދޭނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

މީގެ އިތުރުން އައިޖީއެމްއެޗްގެ އިމަރޖެންސީ ރޫމަށް އަންނަ މީހުން ފުރަތަމަ ދާންޖެހެނީ އެމަރޖެންސީ ޕޯޓިކޯގައި ހެދިފައިވާ ޕްރައިމެރީ ޓްރިއާއަށެވެ. އަދި އެ ތަނުން ޓްރައޭޖް ކުރުމަށްފަހު ސިއްހީ ހާލަތައް ބަލައި ފަރުވާ ލިބުމަށް ދެން ދާންޖެހޭ ތަނަކާއި މެދު އިތުރަށް ހޮސްޕިޓަލުގެ މުވައްޒަފުން އިރުޝާދު ދޭނެކަމުގައި އައިޖީއެމްއެޗުން ވިދާޅުވެއެވެ.

ވޯޑު ތަކަށާއި ނެޝަނަލް ކާޑިއެކް ސެންޓަރަށް ދާ މީހުން ހޮސްޕިޓަލަށް ވަންނަންޖެހެނީ ބޮޑުތަކުރުފާނު މަގުގައިވާ ދޮރޯށިންނެވެ. އަދި ލެބޯރަޓަރީއަށް އަންނަމީހުން ވަންނަން ޖެހެނީ ކަނބާ އައިސާ ރަނި ހިނގުމުގަ ހުންނަ މައި ދޮރޯށިންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ގްރައުންޑް ފްލޯރގައި ވަނީ މި ޚިދުމަތް ޤާއިމްކޮށްފައެވެ.