ޚަބަރު

މާލެއާއި ތިލަފުށި ގުޅުވައިދޭ ބްރިޖްގެ ބޯހޯލް ތޮރުފުމުގެ މަސައްކަތް ފަށައިފި


ގްރޭޓާރ މާލެ ކަނެކްޓިވިޓީ ބްރިޖު ނުވަތަ މާލެ ތިލަފުށި ލިންކް މަޝްރޫޢުގެ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތްތަކަށް މާލެ އާއި ވިލިނގިއްޔާދެމެދުގެ ކަނޑުގެ ސަރަޙައްދުގައާއި ވިލިނގިލީގެ ދެކުނު ފަރުމަތީގައި ބޯހޯލް ތޮރުފުމުގެ މަސައްކަތް ފަށައިފިއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މާލެއާއި ވިލިނގިއްޔާ ދެމެދުގެ ކަނޑުގެ ސަރަޙައްދުގައާއި ވިލިނގިލީ ދެކުނު ފަރުމަތީގައި ބޯހޯލް ތޮރުފުމުގެ މަސައްކަތް ފަށާފައިވާނީ އެސަރަޙައްދުގައި ޚާއްސަ ޕްލެޓްފޯމްތަކެއް އަޅައިގެންނެވެ.

މިމަސައްކަތް ކުރިއަށްގެންދާއިރު ޕްލެޓްފޯމް ވަށައިގެން ސަތޭކަ މީޓަރު ސަރަޙައްދަކީ ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ނުރައްކާތެރި ސަރަޙައްދެއް ކަމުގައިވުމުން އެސަރަޙައްދުން ދަތުރުކުރާ އުޅަނދުތައް މިއަދުން ފެށިގެން މި މަސައްކަތް ނިމެންދެން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މިސަރަޙައްދުގައި ޑައިވްކުރުމާއި މޫދަށް އެރިއުޅުމަކީ ރައްކާތެރިކަމަކަށް ނުވާތީ މިއަދުންފެށިގެން މިމަސައްކަތް ނިމެންދެން އެ ސަރަޙައްދަށް ޑައިވްކުރުމާއި މޫދަށް އެރުމަކީ މަނާކަމެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

ބްރިޖާއި ކޯޒްވޭތައް ހިމެނޭހެން މާލެއިން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ ދިގުމިން ހައެއް ޕޮއިންޓު ހަތެއް ކިލޯ މީޓަރަށް އަރާނެކަމަށާ ބްރިޖްގެ ފަޅިއެއްގައި މަދުވެގެން ދެ ލޭން އޮންނާނެކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. ސަރުކާރުން ލަފާކޮށްފައިވަނީ ބްރިޖްގެ މަސައްކަތަށް ހަތަރު ސަތޭކަ ފަންސާހާއި ހަ ސަތޭކަ މިލިއަނާދެމެދު ރުފިޔާ ޚަރަދުވާނެކަމަށް. ސަރުކާރުންވަނީ މިއަހަރުގެ ބަޖެޓުގައިވެސް ބްރިޖް މަޝްރޫޢަށް ހަތަރު ސަތޭކަ އެގާރަ މިލިއަން ރުފިޔާ ހިމަނާފައެވެ.