ވިޔަފާރި

ކޯވިޑް-19: ފަސް ދުވަހުގެ ތެރޭގައި ވަޒީފާއާ ބެހޭ 104 މައްސަލައެއް


ކޯވިޑް-19ގެ ހާލަތާ ގުޅިގެން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށާއި ވަޒީފާގެ މާހައުލުގައި ދިމާވާ ކަންކަން ހިއްސާކުރުމަށް ހުޅުވާލި ފުރުޞަތުގައި 5 ދުވަހުގެތެރޭގައި 104 ޝަަކުވާ ހުށަހަޅާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިފަދަ ޝަކުވާތަކާއި މައްސަލަތައް އިކޮނޮމިކް މިނިސްޓްރީގެ ޖޮބްސެންޓަރާއި ހިއްސާކުރެވޭނެ ގޮތް ހަމަޖައްސައިދީފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ޖޮބް ސެންޓަރަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ވަޒީފާއިން ކަނޑާލުމާއި، ނޯޕޭލީވް ނެގުމަށް އެންގުމާއި، މުސާރަ ބަދަލުވުމާއި، އެލަވަންސްތައް ކަނޑާލުމާއި، ބައި މުސާރަ ދިނުމާއި، ވަކު މުއްދަތަކަށް ސަސްޕެންޑު ކުރުންފަދަ މައްސަލަތައް ހިމެނޭ ކަމަށެވެ.

މަބްރޫކު ވިދާޅުވީ ސަރުކާރުން ވިޔަފާރިތަކަށް ދިނުމަށް ނިންމާފައިވާ ލޯނުތައް، މުވައްޒަފުންނާ ދޭތެރޭ ޤަވާއިދާ ޚިލާފަށް އަމަލު ކުރާ ފަރާތްތަކަށް ލިބުން ދަތިވާނެ ކަމަށެވެ.

" ދެ ވާހަކައެއް އޮތީ، އެއީ ސްޓިމިއަލަސް ފަދަ ސަރުކާރުން ހުޅުވާލާ ފެސިލިޓީތަކުގައި ޕްރައިއޯރިޓީ ނުދޭނަން ސްޓާފުންގެ ކަންތަކުގައި އިހާނެތިކޮށް ކަންތައް ކުރާ ވިޔަފާރިތަކަކަށް، ދެވަނަ ކަމަކީ އެއްވެސް ސްޓާފެއްގެ ވަޒީފާގެ ހައްޤެއް، އެއްވެސް ހައްޤެއް ނުގެއްލޭގޮތަށް ކޭސްބައި ކޭސް ބަލާފަ ފިޔަވަޅު އަޅާނީ، " މަބްރޫކް ވިދާޅުވިއެވެ.

ޖޮބް ސެންޓަރގައި ރިޕޯޓްކޮށް އިކޮނޮމިކް މިނިސްޓްރީއާ މަޢުލޫމާތު ޙިއްސާކުރެވޭ މަޢުލޫމާތާއެކު ވަޒީފާގެ ޙާލަތަށް ބަދަލު އައިސްފައިވާކަން އަންގާފައިވާ ލިޔުން ނުވަތަ އެފަދަ އެހެނިހެން ލިޔުން ހުށަހެޅަންވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން އިޤްތިޞާދީ މަސައްކަތްތަކަށް ހީނަރުކަމެއް އައިސްފައިވާއިރު، ވަޒީފާތައް ދެމެހެއްޓުމުގެ މަޤްޞަދުގައި ވިޔަފާރިތަކަށް ކޭޝްފްލޯ ފައިނޭންސިންގ ސްކީމްތައް ފަހިކޮށްދިނުމާއި އެހެނިހެން ފިޔަވަޅުތައް ސަރުކާރުން އިސްނަގައިގެން ދަނީ އަޅަމުންނެވެ.