ޚަބަރު

މިނިވަން ދުވަހުގެ ރަސްމީ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި


ދިވެހިރާއްޖޭގެ ފަޚުރުވެރި 50 ވަނަ މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ރޭ ޖުމްހޫރީ މައިދާނުގައި ބާއްވައިފިއެވެ.

މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން، އެދެކަނބަލުންނާ އިސްތިޤްބާލު ކުރެއްވީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، މޭޖަރ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރުއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ރަސްމިއްޔާތަށް ވަޑައިގަތުމާއެކު ބިއުގަލް ކޯލްއެއް އެރުވުނެވެ.

އަދި ދިވެހި ޤައުމީ ދިދަ ނަގައި ނިމުމުން ރައީސުލްޖުމްހޫރިއްޔާއަށް 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި އެއަށްފަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބޭންޑުން ޤައުމީ ސަލާމް ކުޅުނެވެ.

މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހި ޤައުމާ މުޚާތަބުކުރައްވައި، ދެއްކެވި ވާހަކަފުޅުގައި، މިނިވަންދުވަހުގެ އުފާވެރި ޝުޢޫރުތައް ޙިއްޞާ ކުރަމުން ގެންދާއިރު، އިނގިރޭސި ދައުލަތުގެ ޙިމާޔަތުގެ ދަށުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށް ރައީސް ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީ، އަޅުގަނޑުގެ ހަނދާނަށް ގެންނަންޖެހޭކަމަށް ވިދާޅުވިއެވެ.

"މި ފުރުޞަތުގައި، ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރައްވައި، ޙިމާޔަތް ކުރައްވައި ދެމެހެއްޓެވުމަށް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ކޮށްދެއްވި މަސައްކަތްޕުޅުގެ މަތިން ހަނދާންކުރަމުން، އެމަނިކުފާނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު ޝުކުރު ދަންނަވަން. 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއިން، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި އެމަނިކުފާނު ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ މަތިން އަޅުގަނޑު ހަނދާންކުރަން. އަދި ރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި، އެދުވަހު ޝަހީދުވެގެންދިޔަ މަތިވެރި އަބްޠާލުންގެ ޒިކުރާ އާކުރަމުން، އެބޭފުޅުންގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން"  ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިދަނެގުމުގެ މިރަސްމިއްޔާތުގައި މިނިވަން 50 ގެ ޚާއްޞަ ލަވަ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބޭންޑާއެކު ދިވެހި ބައެއް ފަންނާނުން ހުށަހަޅައިދީފައިވެއެވެ.