ޚަބަރު

ކޮވިޑް-19: ހަނގުރާމައިގެ ކުރީ ސަފުގައި ސިއްޙީ ޚިދުމަތްތެރިން


މާޒީވެ ދިޔަ ބޮޑެތި ހަނގުރާމަތަކުގައި ކޮންމެ ޤައުމަކުންވެސް ދިފާއުގައި ނެރެން ޖެހުނީ ސިފައިންނެވެ. އޭރު ޤައުމު ސަލާމަތްކޮށް، ދުޝްމިނުން ކިބައިން އަޅުގަނޑުމެން ސަލާމަތްކުރީ ލަޝްކަރުތަކާއި، ވަކިވަކި ފަހުލަވާނުންނެވެ. އޭރު ހަނގުރާމަތަކުގައި ކުރިމަތި ލާންޖެހެނީ ލޮލަށް ފެންނަން ހުންނަ ދުޝްމިނަކާއެވެ. ނަމަވެސް މިއަދު ދުނިޔޭގެ ގިނަ ޤައުމުން އެއް ދުޝްމިނަކާއި ހަނގުރާމަކުރަމުންދާއިރު، މިއީ ލޮލަށް ފެންނަ ދުޝްމިނެއް ނޫނެވެ. އަދި ކުރިން މާޒީގައި ކުރިމަތިލީ ދުޝްމިނުންނާއި ތަފާތު މާ ނުރައްކާތެރި ދުޝްމިނެކެވެ. ޗައިނާގެ ވޫހާން އިން ފެނިގެން ދިޔަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ހުއްޓުވުމަށް ޤައުމުތައް ވަނީ ނުކުޅެދިފައެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމާ ދެކޮޅަށް ތެދުވެ، މިވައިރަސް ކޮންޓްރޯލް ކުރުމުގައި ކުރީ ސަފުގައި ތިބީ، ޑޮކްޓަރުންނާއި، ނަރުހުންނާއި ލެބޯރެޓަރީ ޓެކްނީޝަނުންނާއި، ހޮސްޕިޓަލް އަދި ކްލިކްތަކުގައި މަސައްކަތް ކުރައްވާ ސިއްޙީދާއިރާގެ މުވައްޒަފުންނެވެ.

ޤައުމުތަކުގެ ސަރުކާތުތަކުން އުފައްދާފައިވާ ހެލްތް ޕްރޮޓެކްޝަން އެޖެންސީތަކާއި، ޓާސްފޯސްތަކާއި، ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރުތަކާއި، އެކު ފުލުހުންނާއި، ސިފައިން އަދި ސަރުކާރުގެ އެހެން އިދާރާތަށް ހިމެނޭ ގޮތުން އެތައް ބަޔަކު ދަނީ ވައިރަހާއި ދެކޮޅަށް ކުރެވޭ މިހަނގުރާމައިގަިއ ބައިވެރިވަމުންނެވެ.

ކޮރޯނާ ވައިރަހަކީ، ލޮލަށް ނުފެނުނު ކަމުގައިވިޔަސް، ނުރައްކާތެރި ދުޝްމިނެކެވެ. ދުނިޔޭގެ ހުރިހާ ޤައުމެއްހެން އެއް ދުޝްމިނަކާއި ހަނގުރާމަ ކުރާއިރު، މިހަނގުރާމައިގެ ކުރީސަފުގައި ތިބީ ކުރިން މިދެންނެވި ފަރާތްތަކެވެ. ކޮރޯނާ ވައިރަސްގެ ކިބައިން ޤައުމުތަކާއި ރައްޔިތުން ރައްކާތެރިކުރުމަށް މި ފަރާތްތަކުން ރެއާ ދުވާލު ކުރަމުން މިދާ މަސައްކަތަކީ ތައުރީފް ހައްޤު މަސައްކަތްތަކެކެވެ. އަމިއްލަ އާއިލާ އާއި ދުރުގައި، އަޅުގަނޑުމެންގެ ރައްކާތެރިކަމަށް ސިއްހީ ދާއިރާ އާއި ކަމާބެހޭ ފަރާތްތަކުން ކުރަމުން މިދާ މަސައްކަތްތަކުގެ ބަދަލުގައި އެފަރާތްތަކުން އަޅުގަނޑުމެން ކިބައިން އެދެނީ ކުޑަކުޑަ އެއްބާރުލުމެކެވެ. ކަމަބެހޭ ފަރާތްތަކުގެ އިރުޝާދާއި ލަފާ އަޑުއަހައި ގޭގައި ތިބުމެވެ.

މިވައިރަސްއާއި ދެކޮޅަށް ދުނިޔެ ކުރާ ހަނގުރާމައިގައި އަޅުގަނޑުމެންގެ ރޯލަކީ އޭގެ ޒާތުގައި ފަސޭހަ ރޯލެކެވެ. މަޑުން ގޭގައި ތިބުމެވެ. އަތް ދޮވުމެވެ. އިޖްތިމާއީ ގައިދުރުކަން ދަމަހައްޓާ، ރައްކާތެރިވެ ތިބުމެވެ. އަޅުގަނޑުމެން އެންމެންގެ ދުޝްމިނު މިވައިރަސް ބަލިކުރެވޭނީ މުޅިދުނިޔެ ހުއްޓުމަކަށް ގެނެސްގެނެވެ. ވައިރަސް އެކަހެރިކޮށްގެނެވެ.

މިހަނގުރާމައިގައި އިސްސަފުގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި ނަރުހުން ކުރަމުން އެވަމުންދަނީ މަތިވެރި ޤުރުބާނެކެވެ.

އަމިއްލަ ފުރާނަ ނުރައްކަލަށް ހުށައަޅައި އެމަސަައްކަތް ކުރަނީ ދެންތިބި މީހުން ސަލާމަތްކޮށްދޭށެވެ. މިއަދު ދުނިޔޭގެ އެކި ޤައުމުތަކަށް ބަލާއިރު އެތައް ޑޮކްޓަރުންނާއި ނަރުހުންނެއް ފުރާނަގެއްލިގެން ހިނގައްޖެއެވެ.

މިފަދަ ހާދިސާތައް ރާއްޖޭގައި ހިނގިޔަ ނުދިނުމަށް އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ ވައިރަހުން ސަލާމަތްވެ ތިބުމަށް ސިއްހީ ޚިދުމަތްތެރީން ދޭ ނަސޭހަތްތައް ކަނުލައި އެހުމެވެ. މިވަރަހަކީ އަދި ވަކި ބޭހެއް ވެކްސިނެއް އުފެއްދިފައިވާ ވައިރަސް އެއް ނޫނެވެ. އެހެން ކަމުން އަޅުގަނޑުމެނަށް މިހާރު ކުރެވެން އޮތް އެންމެ ބޮޑު މަސައްކަތަކީ ތިމާ މިބަލި ޖެހި، ފަތުރާ މީހަކަށް ނުވުމެވެ.

ކޮވިޑް-19 ޗައިނާގެ ވޫހާންއިން ޑިސެންބަރު މަހު ފެތުރެން ފެށިތާ ދެތިން މަސްތެރޭގައި މިވައިރަސް މިވަނީ ދުނިޔޭގެ 195 ޤައުމަކަށް ފެތުރި، 4 ލައްކައަށް ވުރެ ގިނަ މީހުންނަށް ޖެހި، 13 ހާހަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައެވެ. ހާލަތު ކިތަންމެހާވެސް ނާޒުކެވެ. ޤައުމުތަކުން ރެޔާ ދުވާލު ހަނގުރާމަ ކުރަމުން މިދަނީ މިވައިރަސް ކޮންޓްރޯލްކުރާށެވެ. މުޅި ދުނިޔެއިން އެއްކަމަކާއި މިގޮތަށް ކުރިމަތި ލާފައި މާޒީގައި ވާނީ ވަރަށް މަދު ހާލަތެއްގައެވެ.

މިއަދު އަޅުގަނޑުމެންގެ މިނިވަންކަން ދަމަހައްޓަން ކަމާބެހޭ ފަރާތްތަކުން ނުކުމެ އަމިއްލަ ނަފްސާއި މެދު ވިސްނުމެއް ނެތި ޤައުމީ ވަންތަކަމާއި އެކު މިކުރާ މަސައްކަތެކޭ އަޅުގަނޑުމެންގެ ޒިންމާ އަދާކުރަންޖެހެނީ މުޖުތަމައުގެ ހުރިހާ މީހުންގެ ރައްކާތެރިކަމަށްޓަކާއެވެ.

ކުރީސަފުގައި މަސައްކަތް ކުރާ މީހުންގެ ބުރަމަސައްކަތުގެ އަގުވަޒަން ކުރަން ވަރަށް ފަސޭހަ އެވެ. އެމީހުންގެ އަޑު އަހާށެވެ. އެމީހުންގެ ގުރުބާނީގެ އަގު ވަޒަން ކުރާށެވެ. މިމީހުން ކުރާ މަސައްކަތަކީ ފަށްފަށުން ތައުރީފް ހައްޤު މައްސައްކަތްތަކެކެވެ.