ޚަބަރު

ފެންއަރުވާ ވަޑާމާއެކު ކުޑަކުދިންނަށް އުފާވެރިކަން


ހައުސިން
މިނިސްޓްރީން އިސްނަގައިގެން ޖުމްހޫރީ މައިދާން ބޮޑެތި ބަދަލުތަކަކާއެކު އަލުން
ހުޅުވާފައިވާއިރު، އެތަން ވެފައިވަނީ މިހާރު މާލޭގެ އެންމެ ހިތްފަސޭހަ އެއް ތަނަށެވެ.

ރާއްޖޭގެ ފުރަތަމަ ފަހަރަށް ޤާއިމުކުރެވުނު "މިއުޒިކިއަލް ފައުންޓެއިން"އާއެކު ޖުމްހޫރީ
މައިދާން ވެފައިވަނީ ގިނަ އަދަދެއްގެ އާއްމުން، ޚާއްސަކޮށް ކުޑަކުދިންނަށް އުފާވެރިކަން ގެނެސްދިން އެއްތަނަށެވެ.  



 މިނިވަން ފަންސާހާއި ދިމާކޮށް ޖުމްހޫރީ މައިދާން ބޮޑެތި ބަދަލުތަކަކާއެކު އަލުން ހުޅުވާފައިވާއިރު، މިއަދު އެތަން ފެންނަން ހުރީ މީގެ 25 އަހަރު ކުރިން ފެންނަން ހުރިގޮތާއި މުޅިން ތަފާތުކޮށެވެ. އެތަނުގައި އިންދާފައިވާ ވިނަތަކުން ފެށިގެންގޮސް، ޒަމާނުންސުރެ އެތަނުން ފެންނަން ހުރި ފެންއަރުވާ ވަޑާމަށް ބަލާލިކަމުގައި ވިޔަސް ޒަމާނީ ކުލަތަކާއެކު ބޮޑެތި ބަދަލުތަކެއް ފެނިގެންދެއެވެ.

ޖުމްހޫރީ މައިދާން ރަސްމީކޮށް ހުޅުވިގެންދިޔައިރު، އެތަންވަނީ އަލުން މަރާމާތުކޮށް، ޤައުމީ އެއްބައިވަންތަކަން ރަމްޒު ކޮށްދޭ މޮނިއުމަންޓަކާއެކު ހިތްގައިމު ގޮތަކަށް ތައްޔާރުކޮށްފައިވާ ފެންއަރުވާ ވަޑާމެއް އެތަނުގައި ބިނާކޮށްފައެވެ. މި ފެން އަރުވާ ވަޑާން ޑިޒައިންކޮށްފައިވަނީ މިއުޒިކާ އެއްވަރަށް އެކި ކުލަތަކުން ދިއްލޭގޮތަށް، ކުޑަކުދިންނަށާއި، އެކި އުމުރުފުރާގެ މީހުންނަށްވެސް، ފެންއަރުވާ ވަޑާމުގެ ތެރެއަށް ވަދެވޭނެފަދަ ގޮތަކަށެވެ. ޕީއެސްއެމުން ވާހަކަ ދައްކާލި ބައެއް ކުޑަކުދިން ބުނީ މިކަހަލަ ތަނެއް ހުރުމުން ވަރަށް އުފާވާކަމަށެވެ. ޚާއްސަކޮށް ފެނުން ތެމިލާ ވަށައިގެން ދުވެހަދާލެވޭ ގޮތަށް މިތަން ފަރުމާކުރެވިފައި ވުމަކީވެސް ކުޑަކުދިން ވަރަށް ގަޔާވި ކަމަކަށްވެއެވެ. ޖުމްހޫރީ މައިދާން ހުޅުވުމަށްފަހު މިއަދު ހަވީރުވެސް ގިނަޢަދަދެއްގެ ކުޑަކުދިން ޢާއިލާއާއެކު މިތަނަށް ގޮސް މަޖާކޮށް ހެދިއެވެ.

ޖުމްހޫރީ މައިދާނަށް ގެނެވުނު ބަދަލުގެ ތެރޭގައި އެތަނުގެ މެދުގައި ކުރިން ހުރި ވަށްބުރުގެ ބަދަލުގައި، އިތުރު ވޯކްވޭތަކެއް ހަދައި، އެބުރުވެސް ތަރިއެއްގެ ޑިޒައިނަށް ވަނީ ތައްޔާރުކޮށްފައެވެ. މިހުރިހާ މަސައްކަތެއްވެސް ކޮށްފައިވަނީ ހައުސިންގ މިނިސްޓްރީން އިސްނަގައިގެން، ސަރުކާރުގެ ތަފާތު މުއައްސަސާތަކުގެ އެހީތެރިކަމާއެކުގައެވެ.  ފެންއަރުވާ ވަޑާމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީންނެވެ.

ޖުމްހޫރީ މައިދާނަށް މިގެނެވުނު ބޮޑު ބަދަލުގެ ފުރިހަމަ ހިތްހަމަޖެހުން ލިބޭ ބަޔަކަށް ތުއްތުކުދިން ވެގެންދާނެކަން ޔަޤީނެވެ. ފެން އަރުވާ ވަޑާމާއެކު އިވޭ މިއުޒިކްގެ އަޑަށްވުރެ އެތަނުގައި ހިތް ފަސޭހަކޮށްލާ، މަޖާކޮށްލަން އެއްވާކުދިންގެ އަޑު މާ ގަދަޔޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. 

މިނިވަން ފަންސާހަށް ޖުމްހޫރީ މައިދާނުގެ އިތުރުންވެސް، މާލޭގެ ދެ ސަރަހައްދެއްގައި ސަރުކާރުން ވަނީ ފެން އަރުވާ ވަޑާން ތައްޔާރުކޮށްފައެވެ. މީގެއިތުރުންވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކުތަކާއި، ހިތްފަސޭހަ މައިދާންތައް ހެދުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ދަނީ ކުރަމުންނެވެ.