ޚަބަރު

މިނިވަން ދުވަހަށް މުޅި ރާއްޖެ ޤައުމީ ކުލަތަކުން ދިއްލާލައިފި


މިނިވަން ފަންސާހަށް މާލެތެރެ ޒީނަތްތެރިކޮށް، ރީތިކުރުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު ދަނީ ކުރަމުންނެވެ.މި މަސައްކަތް ކުރުމުގައި ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތަކުގެ އިތުރުން އާއްމުންގެ މެދުގައިވެސް ބޮޑު ވާދަވެރިކަމެއް އުފެދިފައިވާކަން ފާހަގަކޮށްލެވެއެވެ. ކުދިބޮޑު އެންމެން މި މަސައްކަތުގައި ޝާމިލުވެގެން އުޅޭއިރު، މާލޭގެ މަގުތަކުން ފެށިގެން ބޮޑެތި އިމާރާތްތަކަށް ބަލާލުމުން މިނިވަންކަމުގެ އުފާ ފާހަގަކުރަމުންދާ މަންޒަރު ސިފަވެގެންދެއެވެ. އެކި ކަހަލަ ޑިޒައިންތަކަށް ޤައުމީ ކުލަތަކުން ސަރުކާރުގެ އިމާރާތްތަކާއި، ބޮޑެތި ކުންފުނިތަކުގެ އިތުރުން، ސްކޫލުތަކާއި، ބައެއް މުހިއްމު އިމާރާތްތައް ވަނީ ދިއްލާލާފައެވެ. މިނިވަން ފަންސާހާއި ގުޅިގެން މުޅި ރާއްޖެ އަށް މިވަނީ ކުލަތަކާއި ޑިޒަައިން ތަކުގެ ޢީދެއް އައިސްފައެވެ.  އެކި ކަހަލަ ޑިޒައިންތަކަށް ޤައުމީ ކުލަތަކުން މުޅި މާލެތެރެ ދިއްލުމުގެ ފޯރި ގަދަވެފައިވާއިރު، ޤައުމީކުލަތައް ނުފެންނަ މަގެއް މަދޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ. ޤައުމީ ވަންތަކަމާއި، ޤައުމީ ޝިޢާރުތައް ބަލާލި ކޮންމެ ސަރަހައްދަކުންވެސް ފެނިގެންދެއެވެ. ސަރުކާރުންވެސް މިވަނީ މިނިވަން ފަންސާހަށް އެންމެ ރީތިކޮށް ޒީނަތްތެރިކޮށް ދިއްލުމުގެ މަސައްކަތް ކޮށްފައިވާ ފަރާތަކަށް ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައެވެ. ހަމައެހެންމެ މި މަސައްކަތް ކުރުމުގައި އެއްވަނަ އަށްދާ ފަރާތަކަށް ރަން އަންގީގެ ލަޤަބުވެސް ދެއްވާގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.