ކުރިއަށްއޮތް ދުވަސްތަކުގައި އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރޭނެ ޤައުމަކީ އެމެރިކާއަށްވުން އެކަށީގެންވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނެފިއެވެ.
ފާއިތުވީ ސައްވީސް ގަޑިއިރު ތެރޭގައި އެމެރިކާގައި ކޯވިޑް-19 ޖެހިފައިވާ 11،000އަށްވުރެ ގިނަ މީހުން ފެނިފައިވެއެވެ. އަދި 222 މީހުން ވައިރަހުގެ ސަބަބުން މަރުވެފައިވެއެވެ. އެޤައުމުގައި ވައިރަސް ޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދުވަނީ 55،000އަށް އިތުރުވެފައެވެ. އަދި މިހާތަނަށް މަރުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 784އަށް އިތުރުވެފައެވެ.
އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ ހަލުވިކަމާއެކު ވައިރަސް ފެތުރޭނެކަމަށް ބެލެވެނީ އެމެރިކާގައި ކަމަށް ޑަބްލިއުއެޗްއޯގެ ތަރުޖަމާނު މާގަރެޓް ހެރިސް ވިދާޅުވެއެވެ. ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް އެމެރިކާގެ ސްޓޭޓުތަކަށް އެންމެ އެކަށީގެންވާ އެހީތެރިކަން އެޤައުމުގެ ސަރުކާރުން ފޯރުކޮށްދެމުންނުދާކަމަށް ގިނަ ބަޔަކު ދެކެއެވެ. ގިނަ ސިޓީތަކުން ވައިރަހާ ދެކޮޅަށް ވަކިން މަސައްކަތް ކުރާތީ މާސްކުފަދަ ޞިއްޙީ ސާމާނު ހޯދުމުގައި ސިޓީތަކުގެ މެދުގައިވަނީ ވާދަވެރިކަން އުފެދިފައެވެ.
އެކަމަށް އިޝާރާތްކުރައްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މާސްކާއި ވެންޓިލޭޓަރުފަދަ ސާމާނަށް މުޅި ދުނިޔެ ބޭނުން ޖެހިފައިވާ ދަނޑިވަޅުގައި އެމެރިކާގެ ސްޓޭޓުތަކަށް އެސާމާނުތައް ހޯދުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އަދި އެސާމާނު ހޯދުމަށް އެހީތެރިވަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.