ޚަބަރު

ކާރު އުފައްދާ ބޮޑެތި ކުންފުނިތަކުން މާސްކާއި، ވެންޓިލޭޓަރު އުފައްދަނީ


ކޮވިޑް-19 އަށް ފެތުރެމުންދާ ޤައުމުތަކަށް ބޭނުންވާ ބައެއް ތަކެތި އުފެއްދުމަށް ބޮޑެތި ކުންފުނިތަކަށް އެކި ޤައުމުތަކުގެ ސަރުކާރުތަކުން ގޮވާލާފައިވާ ގޮވާލުމަށް ކާރު އުފައްދާ ކުންފުނިތަކުން އިޖާބަދީ، މިމަސައްކަތް ފަށައިފިއެވެ.

މިގޮތުން ކާރު އުފައްދާ ބައެއް ކުންފުނިތަކުން މިހާރު ދަނީ ވެންޓިލޭޓަރާއި ފޭސް މާސްކް އުފައްދަމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ދާއިރާއަށް ކޮންމެހެން ބޭނުންވާ ވެންޓިލޭޓަރ އަދި ފޭސް މާސްކް ފަދަ ތަކެދި އުފެއްދުމަށް ބައެއް ޤައުމުތަކުގެ ސަރުކާރުތަކުން ދަނީ މެނިއުފެކްޗަރިން، ނުވަތަ ތަކެތި އުފައްދާ ކުންފުނިތަކަށް ގޮވާލަމުންނެވެ. މިކަމަށް އިޖާބަދީ ކާރު އުފައްދާ ކުންފުނިތަކުން މިހާރު ވަނީ ވެންޓިލޭޓަރު އަދި ފޭސް މާސްކު އުފައްދަން ފަށާފައެވެ.

މިގޮތުން މަޝްހޫރު ކާރު އުފައްދާ ކުންފުނި ފިއެޓްއިން އެކުންފުނީގެ ޗައިނާގައި ވާ ފެކްޓްރީއެއްގައި މާސްކު އުފައްދަން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެކުންފުނިން ބުނީ ޗައިނާގައިވާ ފިއެޓްގެ ކާރުހާނާ މެދުވެރިކޮށް މަހަކު އެއް މިލިއަން މާސްކު އުފެއްދުމުގެ އަމަލީ މަސައްކަތް ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި ފެށޭނެކަމަށެވެ.

ކާރު އުފައްދާ ބައެއް އެހެން ބޮޑެތި ކުންފުނިތަކުން ދަނީ ވެންޓިލޭޓަރު އުފައްދަން މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ. އެގޮތުން އެމެރިކާގެ ޖެނެރަލް މޮޓޯޒް، ފޯޑް، ޓެސްލާ އަދި ޖަޕާނުގެ ކާރު އުފައްދާ ކުންފުނި ނިސާންގެ އިތުރުން އިނގިރޭސިވިލާތުގައި ހުންނަ ފޯމިއުލާ ވަން ޓީމްތަކުން ދަނީ ވެންޓިލޭޓަރު އުފައްދަން ތައްޔާރު ވަމުންނެވެ.

ކާރު އުފައްދާ ބޮޑެތި އެހެން ކުންފުނިތަކުންވެސް ދަނީ އެކުންފުނިތަކުގެ ރިސޯސަސް ބޭނުންކޮށްގެން މިދަނޑިވަޅުގައި ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެތި އުފައްދަން މަސައްކަތް ކުރަން ތައްޔާރުވަމުންނެވެ.
ފޯޑް އިން ބުނީ އެކުންފުނިން ދަނީ ސިއްހީ ދާއިރާއަށް ތަކެތި ތައްޔާރުކުރާ ޖީއީ ހެލްތް ކެއަރ އަދި ތްރީއެމްއާއި ގުޅިގެން ސިއްހީ ދާއިރާގައި ބޭނުންކުރާ ރެސްޕިރޭޓާޒް އަދި ވެންޓިލޭޓަރު ތައްޔާރުކުރަން މަސައްކަތްކުރަމުން ކަމަށެވެ.

މިހާރުވެސް އެކުންފުނިން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ފޭސް ޝީލްޑް ތައްޔާރުކުރަން މަސައްކަތް ކުރަމުންދާކަމަށާއި، މީގެ 1000 ޝީލްޑް މިހަފްތާ ތެރޭ ތައްޔާރުކޮށް ނިމޭނެކަމަށް ބުނެފައި ވއެވެ. މިފަދަ 75،000 ޝީލްޑް ތައްޔާރުކުރުމަށް ފޯޑް އިން ވަނީ ނިންމާފައެވެ.

ނަމަވެސް ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެތި އުފައްދަން މިފަދަ ކުންފުނިތަކަށް ހުއްދަ ލިބިފައި ވަނީ މިކުންފުނިތަށް ރެޖިސްޓަރ ކޮށްފައިވާ ޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން މިކަމަށް ދީފައިވާ ހުއްދައެއްގެ ދަށުންނެވެ. އެއީ ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެއްޗާ އިކުއިޕްމަންޓު ތައްޔާރުކުރުމަށް ވަކި ހުއްދައެއް ބޭނުންވާނެތީއެވެ.

މިދަނޑިވަޅަކީ މުޅި ދުނިޔެއަށް ސިއްހީ ދާއިރާގެ އިކުއިޕްމަންޓާއި، އެހެނިހެން ސާމާނުގެ ސްޓޮކް އިތުރަށް ބޭނުންވެފައިވާ ދަނޑިވަޅެކެވެ. ނަމަވެސް މިފަދަ ތަކެތި ބޭނުންވާ މިންވަރަށް އުފެއްދުމަށް މިކަމުގައި މިހާރު އުޅޭ ކުންފުނިތަށް ނުކުޅެދިފައި ވާތީ، އެހެން ބާވަތުގެ ތަކެތި އުފައްދާ ކުންފުނިތަކުން ދަނީ މިކަމުގައި އެހީތެރިވުމުގެ މަސައްކަތް ކުރަމުންނެވެ.

އިނގިރޭސިވިލާތުގެ ފޯމިއުލާ ވަން ޓީމްތަކުންވެސް ވަނީ ސިއްހީ ދާއިރާގެ މާހިރުންނަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެކަމަށް ބުނަމުންނެވެ. އަދި ކާރު އުފައްދާ މަޝްހޫރު ބްރޭންޑްތައްކަމަށްވާ ނިސާން، މެކްލެރަން އަދި މެގްގިޓް ކުންފުނިން ގުޅިގެން ދަނީ އައު ވައްތަރެއްގެ މެޑިކަލް ވެންޓިލޭޓަރުވެސް އުފައްދަން މަސައްކަތް ކުރަމުންނެވެ.

މިފަދަ މަސައްކަތެއް އިންޑިއާގެ އެންމެ ބޮޑު ޓްރެކްޓަރ އުފައްދާ ކުންފުނި، މަހިންދްރަ ގްރޫޕުންވެސް ދަނީ ކުރަމުންނެވެ. އެކުންފުނީގެ ފެކްޓްރީތަކުންވެސް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ދަނީ ވެންޓިލޭޓަރު އުފައްދަން މަސައްކަތް ކުރަމުންނެވެ.