ޚަބަރު

ރާއްޖޭގެ ބޯޑަރުތައް ބަންދުކުރާ ވާހަކައަކީ ދޮގެއް - މަބުރޫކް


ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ސަރުކާރުން މަސައްކަތްކުރާ ކަމަށްބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއްކަމަށް ކޯވިޑް-19އާ ގުޅިގެން އުފައްދާފައިވާ ނޭޝަނަލް އެމެޖެންސީ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް އެއްވެސް މީހަކަށް ރާއްޖެއަށް ދެން ވަކިމުއްތަކަށް އެތެރެ ނުކުރެވޭނެކަމަށް ބުނެ ބަޔަކު ޚަބަރު ފަތުރާފައިވާކަމަށާ، އެފަދަ އެއްވެސް ފިޔަވަޅެއް އަޅަން އަދި މިހާތަނަށް ސަރުކާރުން ނިންމަވާފައި ނުވާކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި އެއްވެސް އަސްލެއްނެތް މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް މަބްރޫކްވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި ކޮންމެ ދުވަހަކު ދެއިރު ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި މިޙާރު އޮތް ޙާލަތާ ގުޅޭ މަޢުލޫމާތު ސަރުކާރުން ހާމަކުރައްވަމުންއަންނައިރު، ކަމާބެހޭ އެއްވެސް ފަރާތެއްގެ ބަހެއްނެތި މިފަދަ ޚަބަރުތައް ފެތުރުމަކީ ޒިންމާދާރުކަންކުޑަ ޢަމަލެއްކަމަށް މަބްރޫކް ވިދާޅުވިއެވެ. މިފަދަ ޚަބަރުތައް ފެތުރުމުގެ ކުރިން އެކަމަކާ ގުޅޭ މަޢުލޫމާތު ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރަށް ނުވަތަ އޭނާއަށް ގުޅައި ސާފު ކުރުމަށްވެސް މަބްރޫކް ވަނީ އެދިވަޑައިގެންފައެވެ.

މަބްރޫކް ވަނީ އާންމުންގެ ތެރޭގައި ހާސްކަމާއި ބިރުވެރިކަން އުފެދޭފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށްވެސް އިލްތިމާސް ކުރައްވާފައެވެ.