ޚަބަރު

ކޮވިޑް-19 : ބަންދުގެ މުއްދަތުގައި ފުޑްކޯޓްތަކުން ދައްކަންޖެހޭ ކުލި މާފުކޮށްދީފި


ކެފޭތަކާއި ރެސްޓޯރަންޓްތައް ބަންދު ކުރުމަށް އަންގާފައިވާ މުއްދަތުގައި މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ތަރައްޤީކޮށްފައިވާ ފުޑްކޯޓްތަކުން ދައްކަންޖެހޭ ކުލި މާފުކޮށްދިނުމަށް އެސްޓީއޯއިން ނިންމައިފިއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކެފޭތަކާއި ރެސްޓޯރަންޓްތައް ބަންދު ކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ފުޑްކޯޓްތައްވެސް ވަނީ ބަންދު ކޮށްފައެވެ. އެތަންތަން ބަންދުކުރަން އަންގާފައިވާ މުއްދަތުގައި ދައްކަންޖެހޭ ކުލި މާފުކޮށްދިނުމަށް އެސްޓިއޯއިން ނިންމީ އެ ވިޔަފާރި ކުރަމުންދިޔަ ފަރާތްތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި އެހީތެރިވެދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ބުނީ ސަރުކާރުން ކެފޭތަކާއި ރެސްޓޯރަންޓްތައް ބަންދު ކުރަން ނިންމި ދުވަހުން ފެށިގެން އެކަމުގައި ވަކި ގޮތެއް ކަނޑައަޅަންދެން އެ މުއްދަތަށް ފްޑްކޯޓުތަކުން އެސްޓީއޯއަށް ދައްކަންޖެހޭ ކުލި މާފުކޮށްދީފައިވާ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެގޮތުން ކެފޭތަކާއި ރެސްޓޯރަންޓްތައް ބަންދު ކުރުމަށް ސަރުކާރުން ނިންމާ ފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 12:00އިން ފެށިގެންނެވެ. މިގޮތަށް ނިންމި ނަމަވެސް އެ ވިޔަފާރިތައްކުރާ ފަރާތްތަކަށް ލިބޭ މާލީ ގެއްލުން ކުޑަކުރުމަށްޓަކައި ޓޭކްއަވޭ އުސޫލުން ކާތަކެތީގެ ވިޔަފާރި ކުރުމުގެ ފުރުޞަތު ސަރުކާރުން ވަނީ ދީފައެވެ.