ޚަބަރު

ޖެންޑަރ މިނިސްޓްރީން 65 އަހަރުން މަތީގެ ފަރާތްތަކުގެ މައުލޫމާތު އެއްކުރަން ފަށައިފި


ކޯވިޑް-19 އާއި ގުޅިގެން އުމުރުން 65 އަހަރުން މަތީގެ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސާރވިސަސްއިން ފަށައިފިއެވެ.

މިކަމާބެހޭ ގޮތުން ކޮށްފައިވާ ޓުވިޓެއްގައި މިނިސްޓްރީން ވަނީ މިމައުލޫމާތު އެއްކުރާ ފޯމެއް އާންމުކޮށްފައެވެ.

ޖެންޑަރ މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި މިމައުލޫމާތު އެއްކުރަނީ އުމުރުން ދުވަސްވީ މީހުންނަކީ ކޯވިޑް-19 ޖެހުމުގެ ފުރުޞަތު ބޮޑު ބަޔަކަމަށްވާތީ މިފަދަ މައުލޫމާތު މިނިސްޓްރީގައި ހުރުމުން އިމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ 65 އަހަރުން މަތީގެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށެވެ.

މަޢުލޫމާތު އެއްކުރާ މިފޯމް އޮންލައިންކޮށް ފުރާލެވޭނެކަމަށާއި، އަދި އޮންލައިންކޮށް އެމިނިސްޓްރީގެ ހުށަހަޅާލެވޭނެ ކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މިނިސްޓްރީންވަނީ 65 އަހަރުން މަތީގެ އެންމެން މި ފޯމް ފުރުއްވާދެއްވުމަށް އެދިވަޑައިގެންފައެވެ.

ކޯވިޑް-19 ދުނިޔޭގެ 190 އަށް ވުރެ ގިނަ ޤައުމުގައި ފެތުރެމުންދާއިރު، މިއީ ޚާއްސަކޮށް ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް އެބަލީގެ ނުރައްކާ ބޮޑު ބައްޔެއްކަމަށް ޞިއްޚީ ތަޖުރިބާކާރުން ވިދާޅުވެއެވެ.