ޚަބަރު

ރަސްމީދަރުބާރު ކަވަރކުރާނީ ޕީއެސްއެމާއި ރައީސްއޮފީސް


މިނިވަން ދުވަހުގެ ރޭ ބާއްވާ ރަންޔޫބީލްގެ ރަސްމީ ދަރުބާރުގެ އިތުރުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އެހެނިހެން ޚާއްސަ ރަސްމިއްޔާތުތަކުގެ މީޑިއާ ކަވަރޭޖް ހެދުމަށް ހަމަޖެހިފައިވަނީ، ޕަބްލިކް ސަރވިސް މީޑިއާ އާއި ރައިސުލް ޖުމުހޫރިއްޔާގެ އޮފީހުން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައެވެ.

މިކަމާއި ގުޅިގެން ޕަބްލިކް ސަރވިސް މީޑިއާއިން ބުނީ ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓްކުރާ ފަރާތްތަކަށް މިނިވަންދުވަހުގެ ޚާއްސަ އިހްތިފާލްތަކުގެ ލައިވް ފީޑް ދޫކުރާނެކަމަށެވެ. 

މިރޭ ރާޅުގަނޑުގައި ބާއްވާ ޝޯވއާއި ޖުމްހޫރީމައިދާނުގައި ބާއްވާ ދިދަނެގުމުގެ  ރަސްމިއްޔާތުވެސް ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުން ވަގުތުން ގެނެސްދޭނެއެވެ. އަދި 27 ވަނަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ބާއްވާ ކުޅިވަރުވެސް ލައިވްކުރާނެއެވެ.