ޚަބަރު

ލޭ ހަދިޔާ ކުރުމަށް ގޮވާލުމުން ގިނަބަޔަކު އެކަމަށް އިޖާބަދީފި - މޯލްޑިވިއަން ބްލަޑް ސަރވިސް


ތެލަސީމިއާ ކުދިންނަށް ހަފްތާއަކަށް ބޭނުން ވާ ވަރަށް ލޭ މިވަގުތު އެބަހުރި ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސްއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ކޯވިޑް-19 ގެ ލައިވް ކަވަރޭޖްގައި ވާހަކަދައްކަވަމުން މޯލްޑިވިއަން ބްލަޑް ސާވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކްސް ޑރ.އަހުމަދު އުމަރު ވިދާޅުވީ ލޭ ދޭ މީހުންގެ އަދަދު މަދުވެ އާންމުންގެ އެހީ އަށް މޯލްޑިވިއަން ބްލަޑް ސާވިސަސް އިން ގޮވާލުމާ އެކު ގިނަ ބަޔަކު އިޖާބަދިންކަމަށެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ލޭ ލިބުން ދަތިވުމާ ގުޅިގެން އެސެންޓަރުން އާއްމުންގެ އެހީއަށް އެދުމާއެކު ވޭތުވެދިޔަ ތިންދުވަހު ގިނަ އަދަދެއްގެ މީހުން ލޭ ހަދިޔާކޮށްފައިވާކަމަށް ޑރ.އަހުމަދު އުމަރު ވިދާޅުވިއެވެ. އެގޮތުން ވޭތުވެދިޔަ ތިން ދުވަހު ޖުމުލަ 206 މީހުން ލޭ ހަދިޔާކޮށްފައިވެއެވެ. ބްލަޑް ސެންޓަރަށް ހަފްތާއަކަށް 160 ޔުނިޓްގެ ލޭ ބޭނުންވާއިރު މިހާރު ބްލަޑް ސަރވިސްގައި 150 ޔުނިޓްގެ ލޭ އެބަހުރިކަމަށް އުމަރު ވިދާޅުވިއެވެ.

" މިދޔަ ހޮނިހިރު ދުވަހުވެސް 70 ޔުނިޓްގެ ލޭ ބޭނުންކޮށްފި. މިހާރު ލިބޭ ގޮތަށް މިކަމަށް ތަރުޙީބު ލިބޭނަމަ ފަސޭހައިން ލޭ ލިބެމުންދާނެ. ވޭތުވެދިޔަ ތިންދުވަހު ލިބުނު ލެއިން ތެލަސީމިޔާ ސެންޓަރުގައި ތިބި ކުދިންނަށް ހަފްތާއަކަށް ވާނީ "ޑރ.އުމަރު ވިދާޅުވިއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސްއަށް އާއްމުގޮތެއްގައި ލޭ ލިބެނީ ރިޒޯޓްތަކުން ހިންގާ ކޭމްޕްތަކާއި މާލޭގައި ހިންގާ ތަފާތު ކޭމްޕްތަކުންނެވެ. އެގޮތުން ވޮލެންޓިއަރކޮށްގެން ލޭހަދިޔާ ކުރާ މީހުންގެ އިންސައްތައަކީ 33 އެވެ. އަދި ޕޭޝަންޓް އަމިއްލައަށް ހޯދައިގެން ލޭ ހަދިޔާ ކުރާ މީހުންގެ އިންސައްތައަކީ 67 އިންސައްތަ ކަމަށް މޯލްޑިވސް ބްލަޑް ސަރވިސްއިން ބުނެއެވެ. އަދި ރާއްޖޭގެ 3 އިންސައްތަ މީހުން ޤަވާއިދުން ލޭ ހަދިޔާ ކުރާނަމަ ލޭ ލިބުގައި ދަތިވެގެން އުޅޭކަށް ނުޖެހޭނެކަމަށް މޯލްޑިވިއަން ބްލަޑް ސާވިސްއިން ބުނެއެވެ.

އުމުރުން 18 އަހަރުވެފައިވާ، ބަރުދަނުގައި 45 ކިލޯ ހުންނަ ކޮންމެ މީހަކަށް ލޭ ހަދިޔާކުރެވޭނެއެވެ. ލޭ ހަދިޔާކުރެވޭނީ އެ މީހެއްގެ ހިމޮގްލޮބިން ކައުންޓް 12.5 އަށް ވުރެ މަތީ މީހުންނަށެވެ. ސިއްހަތު ރަނގަޅު މީހުންނަށް ކޮންމެ ތިން މަހަކުން ލޭ ހަދިޔާ ކުރެވޭނެއެވެ.

މުޅި ރާއްޖޭގެ ތެލަސީމިއާ ކުދިންގެ ނިސްބަތަށް ބަލާއިރު މިހާރުވެސް ގަވާއިދުން ލޭ އަޅަންޖެހޭ 635 ކުދިން ރާއްޖޭގައި އެބަތިއްބެވެ. މީގެތެރެއިން 300 އަށްވުރެ ގިނަ ކުދިން ޚިދުމަތް ހޯދަނީ މާލޭގައި ހުންނަ ނޭޝަނަލް ތެލަސީމިއާ ސެންޓަރުންނެވެ.